ޚަބަރު

ކެޓް ޝެލްޓާއަށް ބޭނުންވާ ސާމާނު ހޯދަން ހަވާލުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރަމުންދާ ކެޓްޝެލްޓާ އަށް ބޭނުންވާ ސާމާނު ހޯދަން މިއަދު ހަވާލުކޮށްފި އެވެ.

Ads by MWSC

ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް ހަވާލުކުރީ ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި ހަވާލުކޮށްފައިވަނީ 210,036.61ރ އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. 

އެ މަޝްރޫއުގެ ބޭނުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ބިން ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ޖެހިގެން އައި މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެތަނަށް ބޭނުންވާ ސާމާނު ހޯދަން އެ ކައުންސިލުން އިއުލާނު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ އިއުލާނުގައި 6 ލިސްޓެއް ހިމެނޭއިރު ސިޓީ ކައުންސިލުން ބުނީ ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޑެޓުން ހަވާލުވެފައިވަނީ ލިސްޓް 2, 3, 4 އަދި 5 ކަމަށެވެ.

ލިސްޓް 1 ގައި ހިމެނެނީ އައިވީ އިންފިއުޝަން ޕަންޕް, ނެބުލައިޒާ, ހީޓިން ޕެޑް, ކައްޓާ, އަންގި, ރޭޒަރު ފަދަ ތަކެއްޗެވެ. އަދި ލިސްޓް 2 ގައި ހިމެނެނީ ސާޖަރީތަކުގައި ބޭނުންކުރާ އަންގި ބެންޑޭޓް, ކަފަ, ސިރިންޖު ފަދަ ތަކެއްޗެވެ.

ލިސްޓް 3 ގައި ކަރަންޓީނު ކުރުމަށް ބޭނުންކުރާ ދެ ވައްތަރެއްގެ ވެޓެރިނަރީ ކޭޖެވެ. އަދި ލިސްޓް 4 ގައި ހިމެނެނީ މައިކްރޮސް ކޯޕާއި ސްޓެތެސްކޯޕެވެ.

ޑަސްޕިން, ވެކިއުމް ކްލީނާ, ދޮންނަ މެޝިން, ފްރިޖު, ކާތަކެތި އަޅާ ތަށި ފަދަ ތަކެތި ހިމެނެނީ ލިސްޓް 5 ގަ އެވެ. އަދި ލިސްޓް 6 ގައި ހިމެނެނީ ބުޅާ ބޭނުންކުރާ ލިޓާ ފޮއްޓެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްގީކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ. އޭގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްގީކުރުމަކީ ރައީސް ޑރ.  މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.