މިފްކޯގެ ޗެއާމަން ޝަރީފް މަސްވެރިން ޕްރޮމޯޓްކުރާ ކުންފުންޏަށް ބަދަލުކޮށްފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް މަސްވެރިކަމާ ގުޅުން ހުރި އިތުރު ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.
ޕްރައިވައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަރީފް އެ މަގާމުން ވަކިކޮށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރްއެމްޕީސީ)ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ އެމްއެފްއޯއާރްއެމްޕީސީ ކުންފުނި އުފެއްދީ މި އަހަރު ފެބްރުއަރީ މަހު އެވެ.
އެ ކުންފުނި އުފެއްދެވުމުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ.
އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތަޢާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެ އެވެ.