ސްޓްރޯކެއް ޖެހުނު ކަމަށް ބުނާ މީހަކު ބަންދުގައި ބެހެއްޓި މައްސަލައެއް ބަލަނީ
![](https://dhen.mv/wp-content/uploads/2024/11/IMG_20241129_093937_849-850x548.jpg)
ސްޓްރޯކެއް ޖެހުނު ކަމަށް ބުނާ މީހަކު ފުލުހުންގެ ބަންދުގައި ބެހެއްޓި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
"އެކްސް" ގައި އިބްރާހިމް ނިޔާޒު ކިޔާ މީހަކު އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ސްޓްރޯކެއް ޖެހުނީ ވެހިކަލެއްގައި އިން ހ. ވާރި، އަލީ ޝިމާން (41އ) އަށް ކަމަށެވެ. ޝިމާން ދުއްވި ވެހިކަލް އެކްސިޑެންޓުވުމުން، ސީންއަށް އެޓެންޑުވި ފުލުހުން ވަނީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކޮށްފަ އެވެ.
"..ސްޓްރޯކެއް ޖެހިފައިވާކަން އައިޖީއެމްއެޗް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވޭ" އެ ޕޯސްޓުގައި ބުންޏެވެ. އަދި ފަރުވާއިން މަހުރޫމްކޮށް ހަ ގަޑިއިރު ވަންދެން ޝިމާން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓި ކަމަށް ވެސް ނިޔާޒު ބުންޏެވެ.
ދެކެވޭ ވާހަކަތަކާ ގުޅިގެން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:13 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ލިބުނު މައުލޫމާތާ ގުޅިގެން ބެލިއިރު އެ މީހާ ދުއްވީ ވޭނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ވޭން ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިތުރަށް ބެލިބެލުމުން އެ އުޅަނދު ފޭސް ދޭކުން ދަނިކޮށް، ދެ ފޭސް ގުޅޭ ބްރިޖު ޑިވައިޑަރުގައި ޖެހި އެކްސިޑެންޓުވެފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުޅަނދުގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 10:34 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކޮށްފައިވެ އެވެ. އެކަމަކު މަސްތުވާތަކެއްޗަށް ނެގެޓިވްވެފައިވާތީ އޭނާ ދޫކޮށްލާފައި ވަނީ ހަވީރު 5:28 ހާއިރު އެވެ.
ފުލުހުން ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.