ޚަބަރު

ގެއްލުނު އިންޑިއާ މީހާ ހޯދުން ހުއްޓާލައި، އާއިލާއަށް އަންގައިފި 

އަލީ ސަމާޙް ، ދެން އޮންލައިން
އިފުރު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އާފްތާބް ހާން / ފޮޓޯ:ޓައިމް އޮފް އިންޑިއާ

ރ. އަތޮޅުގައި ހިންގާ ފަސް ތަރީގެ އިފުރު އައިލެންޑް ރިސޯޓުން ސްނޯކްލިން އަށް ފޭބި އިންޑިއާ މުވައްޒަފު ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި، އެކަން އޭނާގެ އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

އެ ރިސޯޓުން ހުސްވި ޖެނުއަރީ 27 ގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ އަލިގްރާ އަށް ނިސްބަތްވާ އާފްތާބް ހާން (24އ) އެވެ.

އޭނާ ގެއްލުނު މައްސަލާގައި ރާއްޖޭގެ ފުލުހުން މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށާއި އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ. އިންޑިއާ ސަރުކާރު މެދުވެރިކޮށް އެ މައްސަލަ ބަލައިދޭން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އާއިލާގެ ހުރި ކަންބޮޑުވުންތައް ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އާ ހިއްސާކޮށްފައިވާއިރު އާފްތާބު ގެއްލުނު މައްސަލާގައި އިނގިރޭސި ބަހުން ފުލުހުން މިއަދު ބަޔާނެއް ވަނީ ނެރެފަ އެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ އާފްތާބު ގެއްލުނުކަމުގެ ރިޕޯޓު ލިބުނު ހިސާބުން ފެށިގެން އެމްއެންޑީއެފް ކޯސްޓުގާޑާ ގުޅިގެން އޭނާ ހޯދުމަށް އޮޕަރޭޝަނެއް ފެށި ކަމަށެވެ. އެކަމަކު މިހާތަނަށް ފެނިފައިނުވާތީ އާފްތާބު ހޯދުމުގެ އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެޑްވާންސް ވަސީލަތްތައް ބޭނުންކޮށްގެން ގާބިލުކަން ހުރި މިންވަރަކުން އޭނާ ހޯދުމުގެ މަސައްކަތްތައް ކުރި، އެކަމަކު އާފްތާބު ފެނިފައިނުވާތީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އޮޕަރޭޝަން ވަނީ ހުއްޓާލާފައި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމުގައި އާފްތާބުގެ އާއިލާއަށް އަދާހަމާ އަށް މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް ބުނެ އާއިލާގެ ތުހުމަތުތައް ފުލުހުން ދޮގުކުރި އެވެ. އަދި އާއިލާއަށް އެކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.

މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި އާފްތާބު ގެއްލުނު ހާދިސާއާ ގުޅޭ މައުލޫމާތު ލިބިފައިވާނަމަ އަންގަންވެސް ފުލުހުން އެދުނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އާފްތާބުއާ އެކު ރިސޯޓުގައި މަސައްކަތްކުރާ އިންޑިއާގެ އިތުރު މުވައްޒަފަކު މޫދަށް ފޭބި ކަމަށެވެ. އާފްތާބުއާ އެކު މޫދަށް ފޭބީ ޕަރަމްޖީތު ނަމަކަށް ކިޔާ މީހެކެވެ. ޕަރަމްޖީތު ސަލާމަތްކޮށްފައިވާއިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އާއިލާއިން ބުނަނީ އެކަށީގެންވާ ވަރުގެ ހެކި ނުދައްކާހާ ހިނދަކު އާފްތާބު މަރުވެފައިވާ ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ.

ކައްކާއެއްގެ ވަޒީފާ އަށް އާފްތާބު ރާއްޖެ އައިސްފައިވަނީ މާޗް 31، 2024 ގަ އެވެ.