މިދިޔަ އަހަރު އެންމެ ގިނައިން ދައުވާކުރީ ޑްރަގު މައްސަލަތަކުގައި

މިދިޔަ އަހަރު އެންމެ ގިނައިން ދައުވާކުރި ކުށުގެ ބާވަތަކީ މަސްތުވާތަކެތީގެ މައްސަލަތަކުން ކަން، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ފެނިއްޖެ އެެވެ.
ޕީޖީ އޮފީހުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި އަހަރު 133 ބާވަތެއްގެ މައްސަލާގައި 1680 މީހުންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
އޭގެ ތެރެއިން 269 މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކެނަބިސް ބޭނުންކުރި މައްސަލާގަ އެވެ. ދެވަނައަށް އެންމެ ގިނައިން ދައުވާކޮށްފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަތަކުގަ އެވެ. އެގޮތުން 220 މީހަކަށް ދައުވާކޮށްފައިވެ އެވެ.
އޭގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މައްސަލާގައި 178 މީހަކަށް ދައުވާކޮށްފައިވެ އެވެ. މިދިޔަ އަހަރު އެކި މައްސަލަތަކުގައި 108 އަންހެނުންނަށް ދައުވާކޮށްފައިވާއިރު، 1572 ފިރިހެނުންނަށް ދައުވާކުރި އެވެ.
އެ މައްސަލަތަކުގައި ދައުވާލިބޭ ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 2 ކުދިން ހިމެނޭއިރު، 1678 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ.