ޚަބަރު

ކުރީ ފުރޮޅު ހިއްލައިގެން ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުންނަށް ނުރައްކާވާގޮތަށް، ސައިކަލުގެ ކުރީ ފުރޮޅު މައްޗަށް ނަގައިގެން ދުއްވި 20 އަހަރުގެ ޒުވާނަކު ފުލުހުން ޖޫރިމަނާކޮށް، އޭނާ ބޭނުންކުރި ސައިކަލު ޓޯކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ރޭ 10:30 ހާއިރުއެވެ. ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މި މަންޒަރު ފެނިފައި ވަނީ، ކިނބިގަސްމަގުގައި ހުންނަ 12ވަނަ ފްލެޓް ސަރަޙައްދުން ދެކުނުން އުތުރަށް ނުރައްކާތެރި ގޮތަކަށް އޭނާ ދުއްވާފައި ދަނިކޮށެވެ. މީގެ ސަބަބުން މަގުމަތީގައި އުޅުނު އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނުކަން ފުލުހުން ފާހަގަކުރިއެވެ. މި އަމަލާ ގުޅިގެން ވަގުތުން އެ ޒުވާނާ ހުއްޓުވައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އުޅަނދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ދާދިފަހުން ގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފެށިފަހުން، ޤަވާއިދާ ޚިލާފުވި 600 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 180 އަށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރު 1,000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ތިންވަނަ ފަހަރު މި އަދަދު 2,000 ރުފިޔާއަށް ބޮޑުވެ، އުޅަނދުގެ ވެރިފަރާތް ވެސް 2,000 ރުފިޔާއިން ޖޫރިމަނާކުރެވި، 30 ދުވަހުގެ މުއްދަތަށް އުޅަނދު ހިފެހެއްޓޭނެއެވެ. މީގެ އިތުރުން، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް ހާނީއްކައެއް ވެއްޖެނަމަ 100,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެކަމަށް އައު ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ފަހަކަށް އައިސް މާލެ އަދި ހުޅުމާލެ ސަރަޙައްދުގައި އެކްސިޑެންޓްތައް ގިނަވެ، ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.

Ads by Ooredoo