މާލެ ފެނު އަޑީގައި، މެދު ރާއްޖޭގެ ނުވަ އަތޮޅަކަށް އޮރެންޖު އެލާޓް

އިއްޔެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތައް ފެން ބޮޑުވެފައިވާ އިރު، މާލެ ހިމެނޭހެން މެދު ރާއްޖޭގެ ނުވަ އަތޮޅަކަށް އޮރެންޖު އެލާޓް މިރޭ ނެރެފި އެވެ.
މާލޭގައި އާންމުކޮށް ފެން ބޮޑުވާ ގިނަ މަގުތައް މި ވަގުތު އޮތީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ވެސް މާލޭގެ އެ މަގުތަކުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ސިފައިން ބުނި ގޮތުގައި މާލޭގެ މާފަންނުގެ ތިން ސަރަހައްދެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ:
- އައިޖީއެމްއެޗް
- ވެސްޓްޕާކް
- މާފަންނު ފެރީ ޓާމިނަލް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއް ފެންހިންދާ އިތުރު ދެ ޕަމްޕް ގެނެސްފައިވާ ކަމަށެވެ. ތިން އިންޗި ފުޅާ މިނުގެ ސޮލިޑް, ފަސޭހަ ކަމާއެކު ދަމާލެވޭ އެ ޕަމްފުން މިނެޓަކު 11356.24 ލީޓަރު ފެންބޭރު ކޮށްލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ފެންހިންދުމަށް މާލެ ސިޓީގައި ބޭނުން ކުރަމުން އައީ މިނެޓަކު 900 އަދި 1300 ލީޓަރުގެ ފެންހިންދާ ޕަމްޕުތަކެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަލަށް މި ގެނައި ދެ ޕަންޕުގެ ސަބަބުން އަވަހަށް ފެން ހިންދުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ 9:45 އިން ރޭގަނޑު 12:00 އަށް އޮރެންޖު އެެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.