ޚަބަރު

އެޗްޑީސީން ހުޅުމާލޭގެ އަވަށްތަކުގައި އަވައްޓެރި ރޯދަ ވީއްލުން ބާއްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެޗްޑީސީން މީގެ ކުރީ ރޯދަ މަހެއްގައި ބޭއްވި ރޯދަ ވީއްލުމެއްގެ ތެރެއިން - ފޮޓޯ: އެޗްޑިސީ

އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށެވެ.

"އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށެވެ. މި އަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، ރަނައުރާ މަގުގަ އެވެ.

"ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭ ބައެއް. އެގޮތުން މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކު،" އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވިއެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

 

Ads by Allied Insurance