ރިޕޯޓް

އީސައަށް ސަލާމް: އެޖެންޑާ19ގައި އޮތީ ބޯހިޔާވަހިކަން ޔަގީން ކޮށްދިނުމެވެ. ރައްޔިތުންނަށް މަލާމާތް ކުރުމެއް ނޫނެވެ.

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ އަސަރު ރާއްޖެއަށް ވެސް މިވަނީ ފޯރާފައެވެ.

Ads by STELCO

ސިއްޙީ ގޮތުން ބިރުވެރިކަމެއްގައި އެންމެން ތިބިއިރު، މިބަލީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާއަށްވެސް ވަނީ ބުރޫއަރާފައެވެ. މުސާރައިން ބައެއް ކަނޑާފައިވާއިރު، މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ އަތޮޅުތެރޭގެ މީހުންނަށް އެތަންތަނަށް ކުލި ދެއްކުމުގެ ދަތިކަންވެސް މިވަނީ ފޯރާފައެވެ. މި ދަނޑިވަޅުގައި ބައެއް މީހުން ވަނީ ކުލި މާފު ކޮށްދީފައެވެ. އަދި އަނެއް ބަޔަކު ވަނީ ކުލި ކުޑަކޮށްދީ އިހްސާންތެރިވާން ޖެހޭ މި ޙާލަތުގައި އެކަން ދައްކައިދީފައެވެ.

ނަމަވެސް މި ހާލަތު ތަސައްވުރު ނުކުރެވުނު އެއް ބޭފުޅަކީ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙުމަދު އީސާ އެވެ. ރައްޔިތުން ހާލުގައި ތިބި މި ދަނޑިވަޅުގައި އޭނާގެ މެސެޖަކީ ކުލި ނުދެއްކެއްޏާ މާލެއިން ފައިބާށެވެ.

އީސަ ވިދާޅުވީ ވަޒީފާ ގެއްލި، ނުވަތަ މުސާރަ ކުޑަވެގެން މާލޭގައި ދިރިއުޅޭ މީހުން ކުލި ނުދެއްކި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށެވެ (ނުވަތަ އަމިއްލަ ރަށަށް ދިޔުމަށެވެ.) ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރިއުޅުމުގައި ހުރި ކަންކަން ދޫކޮށްލަން ވެއްޖެ ކަމަށް ވެސް ވަރަށް ފަސޭހަކަމާއެކު އީސަ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލި ނުދެއްކިގެން އެތަނުން ނެރެންދެން އަޅުގަނޑުމެން މިއަދު ތިބެގެން ނުވާނެ. އަޅުގަނޑުމެނަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމަށް ފަރުދީ ގޮތުން ޖަހާ ހިސާބު ދައްކާ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިއަދު އެބަޖެހޭ އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން،" އީސަ ވިދާޅުވެފައިވެއެވެ.

އެމްޕީ އީސާއެވެ! އެޖެންޑާ 19 އާއި އެކު ރައްޔިތުންނަށް ކަށަވަރުކަން ދީފައި އޮތީ ބޯހިޔާވަހިކަން ނޫންތޯއެވެ. މިއަދު ރައްޔިތުންނަށް މަލާމާތް ނުކޮށް ހުންނަވާށެވެ.

މާލޭގައި ކުލި ދައްކައިގެން އުޅެނީ ހަމައެކަނި އަތޮޅުތެރޭގެ މީހުން ނޫންކަން އީސައަށް ނޭނގޭތީ ހައިރާންވެއެވެ. މާލޭގައި ރަޖިސްޓްރީ އޮތް ކިތަންމެ ބަޔަކު ވަންނާނެ ގެދޮރެއް ނެތެވެ. އެމީހުން ވެސް އުޅެނީ ކުއްޔަށެވެ. މިފަދަ މީހުންގެ އާމްދަނީއަށް ކުރާ އަސަރަކުން ކުލި ދައްކަން ދަތިވާނަމަ ދާން އޮތީ ކޮންތަނެއްތޯއެވެ. ހަމައެހެންމެ ރަށުގައި ވަންނާނެ ގެދޮރެއް ނެތް ކިތަން މީހުން އެބައުޅޭކަން އީސަ ބައްލަވާލިންތޯއެވެ.

އީސަ ދެއްކެވި ވާހަކަފުޅަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވަނިކޮށް އެންމެ ހައިރާންކަން ލިބުނީ އޭނާގެ ވާހަކަ ޖަޒީރާ ރައީސް އާދެ! ރައީސް ނަޝީދު ، އީސަގެ ވާހަކަ ދިފާޢު ކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވިއެވެ. "ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އެއީ އާންމުކޮށް ސާފު ބަހުން އެފަދަ ހަގީގަތް ވިދާޅުވާ ބޭފުޅެއް! މެމްބަރު ހުންނެވީ ކެނދިކުޅުދޫގައި ، އަޅުގަނޑާއި ގުޅުއްވި ، ވިދާޅުވި މި ރަށުގައި ސޫފިލަނޑާ އާލާކުރުމުގެ ޕްރޮގްރާމެއް ފެށިއޭ ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި . މިހާރުވެސް އާލާ ކުރަންވީއޭ، ކެނދިކުޅުދޫ މަދަރުސާ ރަނގަޅޭ ، ގެތައް ތަނަވަހޭ!"

ރަނގަޅެވެ. ބައެއް ރަށްރަށުގެ މަދަރުސާތައް ރަނގަޅު ވެސް ވެދާނެއެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅެނީ ހަމަ އެކަނި އެރަށްރަށުގެ މީހުންތޯއެވެ. ނުވަތަ ކެނދިކުޅުދޫ މީހުން އެކަނިތޯއެވެ. ކެނދިކުޅުދޫގައި ސޫފި ލަނޑާ އާލާކުރުމުގެ ޕްރޮގްރާމުން އުފެދެނީ ކިތައް ވަޒީފާތޯއެވެ. ހައިރާންވެދާނެއެވެ.

ރައީސް ނަޝީދުއެވެ. މެމްބަރު އީސާއެވެ. ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19 ގައި އޮތީ ރައްޔިތުންނަށް ލުއި ފަސޭހަ ހޯދައި ދިނުމުގެ ވާހަކައެކެވެ. ރަށްރަށުގައި ހަމަޖެހިގެން މީހުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދޭނެ ވާހަކައެވެ. ތައުލީމުގެ ފުރުސަތުތަކާއި ސިއްހީ ވަސީލަތްތަކުގެ އިތުރުން ބޯ ހިޔާވަހިކަން ޔަގީން ކޮށްދޭނެ ވާހަކައެވެ. މާލެއިން ފައިބާށޭ ބުނަން ވާނީ އެމަގު ތަނަވަސްކޮށްދީފައެވެ. އަމުދުން އެހެން ނުވެސް ބުނެވޭނެއެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކުރެވޭނަމަ ހަނު ތިއްބަވާށެވެ. ރައްޔިތުންނަށް މަލާމާތް ނުކުރައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!