ޚަބަރު

އިންޑިއާއާ ގާތް ނުވެ، ރާއްޖެ ކުރިއަކަށް ނުދާނެ: ނަޝީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް ނުބާއްވައި ރާއްޖެ ކުރިއަކަށް ނުދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މި ވަގުތު އިންޑިއާގައި ހުންނެވި ނަޝީދު 'އޭޝިއަން ނިއުސް އިންޓަނޭޝަނަލް' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއާ އެކު ވަރަށް ރަނގަޅު ގުޅުމެއް ބާއްވައިގެން ނޫނީ ރާއްޖެއަށް ކުރިއެރުން ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ތަނަވަސްކަން ބަރޯސާވަނީ އިންޑިޔާއާއެކު އޮންނަ ރަނގަޅު ގުޅުމުގެ މައްޗަށް. މިހާރު އޮތް ސަރުކާރުން ވެސް ވަނީ އިންޑިއާއާ ހިޔާލު ތަފާތުވުންތައް ދޫކޮށްލާފައި،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވާ ނަޝީދު ވިދާޅުވީ ޗައިނާއާއެކު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ތަންފީޒު ކުރުމަށް ސަރުކާރަށް އަދިވެސް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކުގެ އިތުރުން، އިންޑިއާއަށް ވެސް ކުރާނެ އަސަރުތައް ވިސްނާލަން ޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

މި ވަގުތު ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ ވެރިކަމުގެ ދުވަސްވަރު 'އިންޑިއާ އައުޓް' ނަމުގައި ކެމްޕޭނެއް ހިންގި އެވެ. އިދިކޮޅު ފަރާތްތަކުން އޭރު ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށެވެ. އެ ސިފައިން ފޮނުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިންޑިއާއާ އެކީ ކުރިއަށް ދިޔަ "ޑިޕްލޮމެޓިކް މަޝްވަރާ"ތަކަށް ފަހު، ސިފައިން ފޮނުވާލައި ސިފައިން ތިބި އަދަދަށް މަދަނީ ހިދުމަތްތެރީން ގެނެސްގެން އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ހެލިކޮޕްޓަރެއް ހަދިޔާ ކުރީ ވެސް ނަޝީދުގެ ވެރިކަމުގައެވެ. ދެވަނަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖެ ގެނައީ ޑޯނިއާ މަތިންދާބޯޓެކެވެ.

ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ވާދަވެރި ދެ ގައުމުގެ ގޮތުގައި މަޝްހޫރު އިންޑިއާ އަދި ޗައިނާއަކީ ވެސް މި ވަގުތު ރާއްޖޭގެ އިގުތިސޯދަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ދެ ގައުމެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކަކީ ވެސް އެ ދެ ގައުމުން ފޯރުކޮށްދޭ ލޯނުންނާއި ހިލޭ އެހީން ހިންގާ މަޝްރޫއުތަކެވެ.

Ads by Allied Insurance