ޚަބަރު

މާލެއަށް ވުރެ ރަށްރަށުގައި ކިޔަވަން މާ ރަނގަޅު މާހައުލެއް މިހާރު ފެނޭ: ޝަފީއު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ތޮއްޖެހިފައިވާ މާލޭގެ ހާސްކަމާއި ވަށައިގެންވާ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން، މާލެއަށް ވުރެ ރަށްރަށުގައި ކިޔަވަން މާ ރަނގަޅު މާހައުލެއް އޮތް ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީއެސްއެމްއިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ކުރިން ވިސްނިފައި އޮންނަނީ ކިޔެވުމުގެ ފެންވަރު ރަނގަޅީ މާލޭގެ ސްކޫލުތަކުގައި ކަމަށެވެ.

އެއީ މީގެ 30 އަހަރު ކުރިން އޮތް ހަގީގަތެއް ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިހާރު ފެންވަރު ރަނގަޅު ތަމްރީން ލިބިފައި ތިއްބެވި ޓީޗަރުން ރަށްރަށުގައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަތޮޅު ތެރޭގެ ރަށްރަށުގެ ނަތީޖާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މާލެއަށް ދުލެއް ނުކުރެއޭ. ބައެއް ރަށްރަށުގެ ނަތީޖާ މާ ރަނގަޅު މާލެއަށް ވުރެ."މިނިސްޓަރު ވިދާޅުވި އެވެ.

އަދި ކުދިންނަށް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކިޔެވުމަށް މާ ރަނގަޅު މާހައުލެއް ލިބިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން މާލޭގައި 2000 ކުދިން ކިޔަވާ ސްކޫލުތަކުގައި ގޮންޖެހުންތަކާއި އިޖުތިމާއީ މައްސަލަތަައް ވެސް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް އެފަދަ ސްކޫލުތަކާ އަޅާ ބަލާއިރު ރަށްރަށުގެ ސްކޫލުތަކަކީ މާ އުފާވެރި މާހައުލެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަތޮޅުތެރޭގެ ސްކޫލްތަކަށް މި ވަގުތު އޮތް ގޮންޖެހުމަކީ ބައެއް ރަށްރަށަށް ޓީޗަރުން ނުލިބުމެވެ. ނަަމަވެސް އެ ގޮތަށް ބޮޑަށް ދިމާވަނީ އާބާދީ މަދު ސްކޫލްތަކަށް ކަން ފާހަގަ ކުރެއްވި އެވެ. އެ ގޮތަށް ދިމާވާ ރަށްރަށަށް ވެސް ޓީޗަރު ނެތް މާއްދާތަކުގެ ކްލާސްތައް އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!