ބޭރު ދުނިޔެ

ހާލު ގޯސްވެ، އިނގިރޭސި ބޮޑު ވަޒީރު އައިސީޔޫ އަށް؛ ވެރިކަން ހިންގުން ފޮރިންގ ސެކްރެޓަރީގެ ބެލުމުގެ ދަށަށް

ދެން އެމްވީ

ކޮވިޑް-19ގެ ޖެހިވަޑައިގެން، ކުރިމަތިވެ ވަޑައިގެންފައިވާ އާލާސްކަންފުޅުގެ ސަބަބުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން އައިސީޔޫއަށް ބަދަލުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ތަރުޖަމާނާ ހަވާލާދީ ބީބީސީއިން ބުނެފައިވަނީ، ބޮޑުވަޒީރަށް މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި ވަގުތީ ގޮތުން، ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ބާރު، އެޤައުމުގެ ފޮރިންގ ސެކްރަޓަރީއަށް ބޮޑު ވަޒީރު އަރުވާފައިވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ޖެހުނު އާލާސްކަންފުޅުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ހަސްފަތާލުގައި އެޑްމިޓް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އެޑްމިޓްކޮށްފައި ވަނީ ، ކޮވިޑް19 އަށް ޕޮޒިޓިވްވިތާ 10 ދުވަސްވީއިރު ވެސް ހުމުގެ އަސަރު ހުރުމާއި ބަލި އިތުރަށް ރަނގަޅު ނުވުމުގެ ސަބަބުން، އޭނާގެ މެޑިކަލް ޓީމްގެ އިރުޝާދުގެ މަތިންނެވެ. އައިސީޔޫއަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައިވަނީ، ލަންޑަން ގަޑިން މެންދުރުގެ ވަގުތެއްގައެވެ.

ބޮރިސް ޖޯންސަން ވައިރަހަށް ޕޮސިޓިވްވެފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ބޮރިސް އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ވައިރަހަށް އެންމެ އަވަހަށް ޕޮސިޓިވް ވި ލީޑަރެވެ. ވައިރަހަށް ޕޮސިޓިވް ވުމާއެކު ބޮރިސް ވަނީ އޭނާގެ ފްލެޓުގައި އެކަހެރިވެފައެވެ.

ވައިރަހަށް ޕޮސިޓިވްވެ ސެލްފް އައިސޮލޭޝަން ގައި ހުރި ނަމަވެސް ބޮރިސްވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޔޫކޭގެ ކޮވިޑް19 އާއި ބެހޭ ކޮމިޓީ ގެ ބައްދަލުވުންތައް ޗެއާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!