ދުނިޔެ

"ތިޔައީ ލޮކްޑައުން އެއް ނޫން" ޗައިނާގެ ކޮރޯނާ ވައިރަސް މާހިރެއް ގެ ބަސް

ދެން އެމްވީ ، ދެން އޮންލައިން

ހުޅަނގު ގެ ގައުމުތަކުން ވައިރަހާއި މެދު އަޅަމުން އަންނަ ފިޔަވަޅުތަކަށް ކޮރޯނާ ވައިރަސް އާއި ބެހޭ ޗައިނާގެ އެންމެ އިސް މާހިރު ،ޑރ. ޒޮންގ ނަންޝަން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ޑރ. ޒޮންގ ނަންޝަން އަކީ ޗައިނާގައި ވައިރަހާއި ދެކޮޅަށް ކުރި ހަނގުރާމައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ވެސް މެއެވެ.

Ads by Sosun Fihaara

އެމެރިކާއާއި ޔޫރަޕުގެ އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ ގޮތުން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޑރ. ޒޮންގ ބުނިގޮތުގައި އޭނާ އަށް އެނގިފައިވާ ގޮތުގައި ބައެއް ގައުމުތަކަށް މީހުން އެތެރެވުން މަނާކޮށް ފުރަބަންދުކޮށްފައި ވީ ނަމަވެސް ގައުމު ގެ ތެރޭގައި އެއްވެ އުޅުންތައް ހުއްޓިފައިނުވާކަމަށާއި އަދިވެސް ބައެއް ޒުވާން ކުދިން އެފަދަ ގައުމުތަކުގައި ޕާޓީ ފަދަ ކަންކަމަށް އެއްވެ އުޅޭ ކަމަށެވެ.

އެގޮތަށް އެކަން ހިނގައިގެން ނުވާނެ ކަމަށް ބުނަމުން ޑރ. ޒޮންގ ބުނެފައިވަނީ އެއީ ލޮކްޑައުން އަކަށް ނުކިޔާނެ ކަމަށެވެ.

2019 އަހަރު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް ޗައިނާގައި ކޮންޓްރޯލްވީ ޗައިނާއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ރިޕޯޓުތަކެއް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން 700،000 މީހުނަށް ވައިރަސް ޖެހުމުން ސަލާމަތްވެފައިވާ ކަމަށް ވެސް މާހިރުން އަންނަނީ ބުނަމުންނެވެ.

ޑރ. ޒޮންގ ނަންޝަން ވަނީ އެމެރިކާ އާއި ޔޫރަޕުގެ އެހެން ގަައުމުތަކުން ވެސް ޗައިނާއިން އެޅިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

އަދި ވައިރަހަކީ އެކަކަށް ވެސް ހުއްޓުވޭނެ އެއްޗެއް ނޫންކަމަށާއި ކޮންމެ މީހަކަށް ވެސް އޮތީ ރައްކާތެރިކަމުގެ ގޮތުން ފަރުދީ ފިޔަވަޅުތައް އެޅުން ކަމުގައި ވެސް ޑރ. ޒޮންގ ވަނީ ފާހަގަކޮށްފައެވެ.

މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުންދަނީ އެމެރިކާގައެވެ. އަދި ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ސްޕެއިން، އިޓަލީ އަދި ފްރާންސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!