ޚަބަރު

ސަރުކާރު ދޫކުރައްވައި ޝަހީމް އަދާލަތު ހޯއްދަވާނަމަ މަރުހަބާ: އިމްރާން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޝަހީމާއި އިމްރާން އެކުގައި އަދާލަތު ޕާޓީގައި މަސައްކަތްކުރެއްވި ދުވަސްވަރު

އިސްލާމިކް މިނިސްޓަރުކަން ދޫކުރައްވައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީގެ ލީޑަރުކަން ހޯއްދަވަން މަސައްކަތް ކުރައްވާނަމަ އެ ކަމަށް މަރުހަބާ ދަންނަވާ ކަމަށް މި ވަގުތު އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ޝަހީމް ވަނީ ވެރިކަންކުރާ ޕީއެންސީން ވަކިވެވަޑައިގަތުމަށް ފަހު އަދާލަތު ޕާޓީއަށް ސޮއިކުރައްވަން ނިންމަވައިފަ އެވެ. އާދަލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި ޝަހީމް މި އަހަރު ފަހުކޮޅު އޮންނަ ޕާޓީގެ ރައީސްގެ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމެވިކަން މިއަދު އިއުލާންކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީގެ ސަރުކާރު ނިމެންދެން އެ ޕާޓީއާއެކު ދެމިހުންނެވި އިމްރާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމް ވެސް ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ރައީސް މުއިއްޒުގެ ދޯހަޅިކަމުގެ ސަބަބުން ގައުމު ވެއްޓިފައިވާ ހާލަތުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ.

"ރައީސް މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މި އޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ‎ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެ ކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،" އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގައި އިމްރާން ހުންނެވިތާ ގާތްގަނޑަކަށް 15 އަހަރުވީ އެވެ.

ޝަހީމް އަދާލަތުން ވަކިވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އަދާލަތު ޕާޓީން ނުކުތް ހިސާބުންނެވެ. އޭގެ ކުރިން އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު މިނިސްޓަރު ކަން ވެސް އޭނާ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމަށް ވަދެވަޑައިގެން ޔާމީންގެ ރަނިންމޭޓަކަށް އެ ފަހަރު ވަޑައިގެންނެވި އެވެ.

ޝަހީމަކީ އެންމެ ގިނަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ. ރައީސް މުއިއްޒާއި ޔާމީނުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.

އަދާލަތާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިލްމުވެރިންގެ މަޖިލިހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން އަދި އެ މަޖިލިހުގެ މެމްބަރު ޝައިހް ހުސައިން އަންސާރު އާއި ޝައިހް މުހައްމަދު އަނިލްގެ އިތުރުން އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުހައްމަދު އިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

އަދާލަތު ޕާޓީއަކީ މި ސަރުކާރު ފިޔަވައި މީގެކުރިން އުފެދުނު ކޮންމެ ސަރުކާރެއްގައި ވެސް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ހިއްސާވި ޕާޓީއެކެވެ. ކުރީގެ ރައީސް މުހަައްމަދު ނަޝީދާއި ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ކޯލިޝަނުން ވަކިވި ނަމަވެސް އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ދައުރު ނިމެންދެން ވެސް އަދާލަތުން އެއްގޮތެއްގައި ދެމިއޮތެވެ. ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވިއިރު، އަދާލަތުން މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީ އާއެކުގަ އެވެ.

Ads by Allied Insurance