ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު / ފޮޓޯ:އިމިގްރޭޝަން

އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީއެއްގޭ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަންނަން ނިންމައިފި އެވެ.

Ads by STELCO

ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ބަންދު އަމުރު ދަމަހައްޓައިފަ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމައިފަ އެވެ. ރަޖިސްޓްރާގެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މުރާޖާ ކުރަން ހުށަހެޅޭނެ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މާޗު 20 ވަނަ ދުވަހުގެ ރެ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރެ އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ޝަމްއާން ބަންދުކުރުމަށް އަމުރުކުރި އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މަހުގަ އެވެ.

މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ ރެއިޑްކުރި އިމިގްރޭޝަނުގެ އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓުގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މައްސަލަ އާ ގުޅިގެން ޝަމްއާނު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.

Ads by Allied Insurance