އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ 2 މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވަނީ 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
