ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރާތީ އިދިކޮޅުން ފާޑުކިޔައިފި

ސަރުކާރުން ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރަން ނިންމައި އިއުލާންކުރި ތަންތަނުގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ހިމެނޭތީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މި ނިމުނު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ އެ ސަރުކާރުން އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓުމަންޓްތައް ޔަގީންކޮށްދީފައިވާނެ ކަމަށެވެ.
ނިމުނު ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއަށް މެޖޯރިޓީ ދިން ދެ އަތޮޅުގެ ތެރޭގައި ހިމެނޭ އެކަމަކު މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ދެ ގޮނޑި ކާމިޔާބުވި އައްޑޫގައި އެމްޑީޕީ ސަރުކާރުން ފެށި ހަންކެޑެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
"އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް,"
ހަންކެޑެ މަޝްރޫއު އަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ ކަމަށް ވިދާޅުވި އެވެ.
"މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި،" ފައްޔާޒު ވިދާޅުވި އެވެ.
