ޚަބަރު

އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކުރިން ވެސް ފަނޑިޔާރު ކަން ކުރައްވާފައިވާ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ސުޕްރީމް ކޯޓުގަ އެވެ. މަގާމުގެ ހުވާ ކުރެއްވުމުން، މަގާމުގެ ލިޔުންކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.

ޖަމީލަކީ 10 އަހަރު ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ސިވިލް ކޯޓުގެ ގާޒީކަމުން އޭނާ އިސްތިއުފާ ދެއްވީ 2019ވަނަ އަހަރު، މިދިޔަ ސަރުކާރުގެ ދުވަސްވަރެވެ. އޭގެ ކުރިން ފަސް އަހަރު ލ. ދަނބިދޫ ކޯޓުގެ މެޖިސްޓްރޭޓެއް ގޮތުގައި މަސައްކަތްކުރެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ދެ މަގާމެއް ހުސްވި އެވެ. ދެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ވެސް އެއް އިއުލާނަކަށެވެ. ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހުސްކޮށް އޮތް ދެވަނަ މަގާމަށް އައްޔަންކުރަން ޖޭއެސްސީން، މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރެއްގެ މަގާމު ފުރުއްވި މުހައްމަދު ޝަހީދެވެ. ޕީއެންސީގެ އެކްޓިވިސްޓެއް ގޮތުގައި މަޝްހޫރު ޝަހީދު އައްޔަންކުރާތީ ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މިއަދު އޭނާ ވަނީ އެޕްލިކޭޝަން ބާތިލްކޮށްފަ އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ.

ސުޕްރީމް ކޯޓުން ތިން ފަނޑިޔާރެއްގެ މަގާމު ހުސްވެގެން ދިޔައީ، ސިޔާސީ ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހުގެ މައްސަލަ ކޯޓުން ބަލަމުން ދަނިކޮށެވެ.