މީޑިއާ ފެންޑާ އެންމެ ފަހުން ތަޅާވެސް ލައިފި

ރައީސް އޮފީހުގެ މީޑިއާ ފެންޑާ އުވާލުމަށްފަހު އެންމެ ފަހުން އެތަން ތަޅާވެސްލައިފި އެވެ.
ރައީސް އޮފީހުގެ ކުރިމަތީގައި އޮންނަ ޕާކުގެ ތެރޭގައި ނޫސްވެރިންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ފެންޑާއެެއް ހެދީ 29 މެއިގަ އެވެ. ނަމަވެސް މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިޔަކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު ވަނީ އެތަން އުވާލަން ނިންމައިފި އެވެ.
"ދެން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ފެންޑާ ގައި އިށީނދެގެން ތިބެވޭ ގޮތަށް ހަދާފައި ހުރި ތަންވެސް މިހާރު ވަނީ ތަޅާވެސްލައިފަ އެވެ. އަދި އެ ތަނުގައި މިހާާރު ވަނީ ގަސްތައް ބަހައްޓައިފަ އެވެ.
މީޑިއާ ފެންޑާއަކީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އަޑުއުފުލުމަށް ނޫސްވެރިން ބޭނުން ކުރި ތަނެކެވެ.
ނޫސްވެރިން އެ ތަނަށް ގޮސް ތިބެ ދުވަހުގެ މަސައްކަތް ކުރަމުން، ބިލު ބޭރުކުރުމަށް ގޮވާލާ ލައުޑް ސްޕީކަރުން އަޑު އުފުލަމުން ގޮސްފައިވެ އެވެ.

Ads by HDC