ޚަބަރު

ނެޝަނަލް ނިއުސް އެޖެންސީގެ ނަމުގައި ޕްލެޓްފޯމެއް ލޯންޗުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނެޝަނަލް ނިއުސް އޭޖެންސީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭ ގޮތަށް "ނެޝަނަލް ނިއުސް އެޖެންސީ(އެންއެންއޭ)"ގެ ނަމުގައި ޕްލެޓްފޯމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

Ads by MPL

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންއެންއޭގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު އައި ޔޫތުގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އެވެ.

އެންއެންއޭ އިފްތިތާހު ކުރުމަށް ފަހު ވަނީ، އެ ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ވެސް ހަވާލުކޮށްފައެވެ.

މިއީ ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެއް ކަމަށާއި އެއާއެކު ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ  ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެ އެވެ. އަދި ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި އެ ޕްލެޓްފޯމްގައި ހިއްސާކުރެވޭނެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ ގިނަ ކޮންޓެންޓްތަކެއް އެ ޕްލެޓްފޯމްގައި ހިލޭ ދޫކުރާނެ ކަމަށާއި އަދި ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެ ކަމަށެވެ.

އަދި ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަގުވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، އެ ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ހިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

Ads by HDC