ޚަބަރު

އަބްދުއްރަހްމާން މަރައިލި މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަބްދުއްރަހްމާން މަރައިލި މައްސަލައިގައި ދައުވާ ކުރި ތިން މީހުން --

އއ. މާޅޮހުގައި މިދިޔަ ޖުލައި 13 ވަނަ ދުވަހުގެ ރޭ ދަންވަރު ބޮޑެތި ޒަހަމްތަކެއްދީ އެރަށު އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް 65، މަރައިލި މައްސަލައިގައި ބަންދުކޮށްފައިވާ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެރަށު ލިލީފެހިގެ، މުހައްމަދު ވިސާމް 22، އާއި ފިނިވާގެ، އަހުމަދު ފާރިސް 27، އާއި ފިޔަ، އަހުމަދު އާޝިދު 27، އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މާޅޮހުގެ މާހިޔާގޭގެ ކޮޓަރިއެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.

އެގޮތުން އާޝިދުގެ މައްވަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގާއި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ވިސާމް އަދި ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގާއި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަބްދުއްރަހްމާންގެ ބޮލުގައި ޖަހައި އޮތީ ޗިސްކޮށްލާފަ އެވެ. އޭނާ އެހާލުގައި އޮއްވައި ފުރަތަމަ ފެނުނީ އޭނާގެ އަނބިމީހާއަށެވެ.

Ads by HDC