ރިޕޯޓް

މިފާޑުގެ މީހުން ބޭނުން ވެއްޖެ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަޅުގަނޑު ހިތްހަމަ ޖައްސުވައިދެނީ ފިނޑިކަމެއް ނެތި ކެރޭ މީހުންނެވެ. ކަންނެތް ނުވެ ދިރި ތިބޭ މީހުންނެވެ. ސިންގާއަށް ވުރެ ބާރުގަދަ ވޭތޯ ، ދޫންޏަށްވުރެ ހަރަކާތް ލުއިވޭތޯ ، މާމެލާމެއްޔަށްވުރެ ޅަނދޮޅުވޭތޯ ހިންމަތް ކުރާ މީހުންނެވެ.

Ads by Sosun Fihaara

ރަނޑުވެ،ފަރިނުބަލާ ސީދާކޮށް ހިނގާ މީހުންނެވެ. ވިސްނާފައި ފުންމައިގަންނަ މީހުންނެވެ. މާނޭވާ ނުލައި ދުވާ މީހުންނެވެ. ވަރުބަލި ނުވެ ހުއްޓޭ މީހުންނެވެ. ވެއްޓި ނުގަނެ އިށީންނަ ފާޑަށެވެ. އަޅައި ނުގެން ތެދުވެ ހިނގައިގަންނަ ޒާތެވެ. ޝަކުވާނުކޮށް ޢަމަލު ކުރާ ބާވަތެވެ. ފުރާނައާއި ހަށިގަނޑު ސަލާމަތުން ހުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާ ވައްތަރެވެ. ޒުވާންކަން އޮބަހެއްޓޭތޯ ހިންމަތްކުރާ ޙަރަކާތްތައް ހަރުދަނާކޮށް ބަހައްޓާން ބާރު އަޅާ މީހުންނެވެ.

އަޅުގަނޑު ގަބޫލުވަނީ ހީ ސަމާސާ ކޮށްލީމާ ، ހީނލައި ، ވާހަކަ ދައްކާލީމާ، ދައްކާ މީހުންގެ ހިތް އުފަލުން ފުރާލާ ، ރައްޓެއްސަކު ނުފެންނަނީ ވިއްޔާއި ، ޚަބަރު ބަލާލައި ، ބަލިވެއްޖިއްޔާއި އޯގާތެރިވެ އެހީވެލައި ، ހިތާމައެއް ކުރަނީ ވިއްޔާއި ، އޭގައި ހިސާބަކަށް ބައިވެރިވެލައި ، ދަތި ޙާލުގައި ލުޔެއް ފޯރުވާލައި ، ކަރުނަ އޮހޮރަނީ ވިއްޔާއި ،މަޑުމަޑުން ފުހެލައިދީ އުޅޭ ތެދުވެރި އަޚުންނާއެވެ.

އަޅުގަނޑަށް ރަނގަޅީ ބާރަށް އެއްޗެހި ނުގޮވައި ހީލަތާ ނުލައި ނަސޭހަތްދޭ ، ކުށެއް ވެވިއްޖިއްޔާއި މަޢާފުދޭ ، ކަލަ ނުގޮވައި އިހްސާންތެރިވާ މީހުންނެވެ.

އަޅުގަނޑު ހިތް ރުހެނީ ޙަޤީޤަތަށް ލޯބިކުރާ ޠަބީޢަތަށް ކިޔަމަންވާ ޤުދުރަތީ މަންޒަރުތަކަށް ހިތް އުފާވާ މީހުންނާއެވެ. އެއީ އަރައިގެން އަންނަ އިރުގެ ކުރި މައްޗަށް ނުކުމެ ފަތިހުގެ ނަސީމުން މޭ ފުރާލައި ފާޑުގެ މީހުންނެވެ. އިރު އޮއްސޭ މަންޒަރުގައި އެ ހުންނަ ކުރެހުން ބައިތައް ބަލާ ހިތްވާ ބާވަތުގެ މީހުންނެވެ. އެއުރެން ކައުނުގައި ލައްވާފައިވާ ޠަބީޢީ މަހާސިނު ދެކޭ ހިތް ވާނެއެވެ. މާމެލާމެއްޔަށް ލޯބި ކުރާނެއެވެ. ދޫނި ސޫފާސޫތްޕަށް ރަޙުމް ބަހައްޓާނެއެވެ. ދެ ދަޅައިގެ ދެ ފިންޏަށް ހިތްހަމަ ޖެހޭނެއެވެ. ހަނދުވަރުގެ ރިހި ކުލައިގެ ދޫލަމަތީގައި ކޮޅުކޮޅު މައްޗަށް ހިނގާ ހިތްވާނެއެވެ. އުޑުގެ ފަރުދާތަކުން ފާއްދާލާ ރިހިރަން ކުލައިގެ ތަރިތަކަށް ، ނަޒަރު ހިންގައި ހިތުގެ އަޑީން ތަސްބީޙަ ކިޔާނެއެވެ.

އަޅުގަނޑު ހިތްހަމަ ޖެހޭ ފާޑަކީ ލުއިލުއިކޮށް ، ހަލުއިހަލުއިކޮށް ، ޙަރަކާތްތެރިވާ ފާޑެވެ. އަވަސް ހިނިހެން އަވަސް އަވަހަށް ދެކޮޅަށް ނަޤުލުވާ ވައްތަރެވެ. ހުއްޓުން ނާރުވައި ހިންދަމައިގެން ތިބޭ ބާވަތެވެ. އަޅުގަނޑަށް މޮޅީ ބުއްދީގެ ބޭނުންކުރާ މުހައްޛަބުންނެވެ. ވިސްނުން ތޫނު ކަމަށް ކަމޭ ހީކުރާ މާހިރުންނެވެ. ފަންނު ތަކުން ބައިވަރެއް ހިފަން ، ޢިލްމުތަކުން މިންވަރެއް އެއްކުރަން އުޅޭ އިންތިޒާމަށާއި ތަރުބިއްޔަތަށް ލޯބިކުރާ އިންސާނުންނެވެ.

އަޅުގަނޑު އެންމެ ލޯބި ވަނީ އުޅުން ޠާހިރު ޢިއްފަތުގެ ވެރިން ދެކެއެވެ. މިޒާޖު ރަނގަޅު ޝުޢޫރުތައް ސަލާމަތުން ހުންނަ ،ޙިއްސުތައް ތޫނުފިލި ، ނިޔަތް ތެދުވެރި ، ޟަމީރު ދިރިދިރި ތިބޭ މީހުން ދެކެއެވެ. ރޫޙާނީ ބަލިތަކުން ސަލާމަތުން ތިބޭ ، ޝަހުވާތައް ލަގަން ދޫ ނުކުރާ، އިޙްސާންތެރީންނަށް ޝުކުރު އަދާކުރާ ، ޤައުމަށް ލޯބިކުރާ ، އިންސާނިއްޔަތަށް ހެޔޮއެދޭ ، މަތިވެރި މަގުޞަދަށްޓަކައި ޤުރުބާންވާ ، މާއްދާއަށް އަޅުކަން ނުކުރާ ، މަޚުލޫޤުންނަށް ސަޖިދަ ނުޖަހާ ، ދުނިޔެއަށް ކަނު ލޯތްބެއް ނުޖެހި ތިބި މީހުން ދެކެއެވެ.

 

ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް (8) ، ދިރިއުޅުމުގެ މަސްރަޙުން ، ޢުމަރު ޢީސާ ރަޙިމަހުﷲ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!