3 އަހަރަކީ ކުރުމުއްދަތެއް ، ނަމަވެސް ކުޑަމިނުން މަންމައަށް އިންސާފު އެބަލިބޭ: ޒިޔާދާގެ ދޮށީ ދަރިފުޅު

ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބި މަންމަ ، ގދ. ތިނަދޫ، ތޭންކް ޒިޔާދާ ނައީމް ދުނިޔެ ދޫކުރުމާ ގުޅިގެން ބައްޕަގެ މައްޗަށް އުފުލިފައިވާ ދައުވާތަކާ ގުޅިގެން އެދެމަފިރިންގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހީމް ޙުސައިން ވާހަކަ ދައްކައިފިއެވެ.
ޒިދާންގެ ބައްޕަ ، ގދ. ތިނަދޫ ، ޖަވާހިރުމާގެ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް އުފުލާފައިވަނީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މި ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން ޕްރޮސެކިޔުޓަރ ޖެނެރަލް ވަނީ މި މައްސަލަތައް ހައިކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.
ހައިކޯޓުން އިއްޔެ ވަނީ ޝާހުގެ މައްޗަށް އަނބިމީހާ ރޭޕްކުރުމުގެ ކުށް ސާބިތުވީ ކަމަށް ނިންމާ އޭނާ ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
މިކަމާއި ގުޅިގެން ޝާހުގެ ދަރިފުޅު ޒިދާން ކުރި ޓްވީޓެއްގައި ބުނީ ތިން އަހަރަކީ (ކުށާ ބަލާއިރު) ކުރު މުއްދަތެއް ކަމަށާއި ނަމަވެސް ކުޑަމިނުން މަންމައަށް އިންސާފު ލިބެމުންދާ ކަމަށެވެ. އަދި ބައްޕަގެ މައްޗަށް ކުރެވޭ އިތުރު ދެ ދައުވާއެއް އޮތްކަން ޒިދާން ވަނީ ފާހަގަ ކޮށްފައެވެ.
ޒިދާން ވަނީ މަންމައަށް އިންސާފު ލިބެމުންދާކަން ފާހަގަކޮށް ﷲތަޢާލާއަށް ޙަމްދު ކޮށްފައެވެ.
ބައްޕަގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ދޮންމަންމަ ގާތުގައި ހުރި ބައްޕަގެ ހަގު ފިރިހެން ދަރިފުޅު ޒިޔާން ވެސް އިއްޔެ ގެއިން ނެރެލާފައިވާކަން މީޑިއާތަކަށް ވަނީ ތިލަވެފައެވެ.