ޚަބަރު

ކަރުނައާއި އަނިޔާގެ ތެރެއިން އުފަންވި މާސްޓަރ ޝެފް, މަހާ ނަސީރުގެ ހިތްދަތި މާޒީގެ ސިއްރުތައް ކިޔައިދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓީވީއެމްގެ "އަމިއްލަ އިބާރާތުން" ޕްރޮގްރާމްގައި ރާއްޖޭގެ މަޝްހޫރު ޝެފް އަދި ވިޒިޓް މޯލްޑިވްސްގެ ބޯޑް ޑައިރެކްޓަރު މަހާ ނަސީރު ވަނީ، އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ ކަރުނުން ފުރިފައިވާ ދަތުރު ފުރަތަމަ ފަހަރަށް އާންމުންނާ ހިއްސާކޮށްފައެވެ. މަހާގެ މި ވާހަކަތަކަކީ ހަމައެކަނި ކާމިޔާބީގެ ވާހަކައެއް ނޫނެވެ؛ އެއީ އަނިޔާވެރިކަމާއި، ފުރައްސާރައާއި، ނަފްސާނީ ބަލިމަޑުކަމުގެ ތެރެއިން އުންމީދުގެ ހުޅުކޮޅު ރޯކުރި ހިތްވަރުގަދަ އަންހެނެއްގެ ދިރިހުރި މިސާލެކެވެ.

Ads by STELCO

މަހާ ކިޔައިދިން ގޮތުގައި، އޭނާގެ ކާމިޔާބީގެ ދަތުރު ފެށުނީ ވަރަށް ތުއްތު އުމުރުގައި ތަހައްމަލް ކުރަންޖެހުނު ހިތްދަތި ތަޖުރިބާއަކުންނެވެ. އާއިލާގެ ގާތްތިމާގެ ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވިއިރު، އޭނާއަކީ އެއްވެސް އެއްޗެއް ދެނެގަންނަން ނޭނގޭހާ ތުއްތު ކުއްޖެކެވެ. މަހާ ވަނީ މިފަދަ ކަންކަން އާއިލާގެ ތެރޭގައި ފޮރުވުމުގެ ބަދަލުގައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް މުޅި މުޖުތަމައަށް އިލްތިމާސްކޮށްފައެވެ.

ސްކޫލް ދައުރުގައިވެސް މަހާއަށް ކުރިމަތިވީ ހިތްދަތި ދުވަސްތަކެކެވެ. އަމީނިއްޔާ ސްކޫލްގައި އުޅުނުއިރު، އެކުގައި އުޅުނު އެކުވެރިންގެ ފަރާތުން ބުލީގެ ޝިކާރައަކަށްވެ، ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. މިކަމުގެ ސަބަބުން ސްކޫލުން ވަކިވާން މަޖުބޫރުވި ނަމަވެސް، މަހާގެ އަޒުމަކަށް ބަދަލެއް ނައެވެ. އޭނާ އަމިއްލައަށް މަސައްކަތްކޮށްގެން އޯލެވެލް ނިންމައި، ވިލާ ހޮޓެލްސްގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނުކުތެވެ.

މަހާގެ ދިރިއުޅުމުގައި ދެ ކައިވެންޏެއް ރޫޅި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ވިޔަފާރީގެ ބައިވެރިންގެ އޮޅުވާލުންތަކާއި، "ޑޮމެސްޓިކް ވަޔަލަންސް" ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް އޭނާ ވިއެވެ. މި ހުރިހާ ތަކުލީފުތަކެއްގެ ތެރެއިން އޭނާ ވަރަށް ބޮޑަށް ޑިޕްރެޝަނަށް ގޮސް، އަމިއްލަ ނަފްސަށް ގެއްލުންދޭންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާގެ ހަތަރު ދަރިންނަށްޓަކައި އެ ހުރިހާ ކަމަކުން އަރައިގަތުމަށް މަހާ އަޒުމް ކަނޑައެޅިއެވެ.

"އަޅުގަނޑު މިއަދު މިއީ ސެލްފް-މޭޑް ޝެފެއް. ކޮންމެ ފަހަރަކު ވެއްޓޭ ހިނދު ޒީރޯއިން ފަށައިގެން ތެދުވުން އެއީ އަޅުގަނޑުގެ ކާމިޔާބީ،" މަހާ ފަޚުރުވެރިކަމާއެކު ބުންޏެވެ.

މަހާ ނަސީރަކީ މިއަދު ރާއްޖޭގެ ފުރަތަމަ "މާސްޓާ ޝެފް" ޓައިޓަލް ހޯލްޑަރެވެ. އަދި ވޯލްޑް ޝެފްސްގެ ސާޓިފައިޑް ޖަޖެއްވެސް މެއެވެ. އޭނާގެ މި ދަތުރުގައި މަންމައާއި ބައްޕަގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަމުން މަހާ ބުނީ، އޭނާގެ މިއަދުގެ މި މަގާމަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ކެތްތެރިކަމުގެ ނަތީޖާ ކަމަށެވެ.

މަހާގެ ވާހަކަތައް ނިންމާލަމުން އުންމީދު ކުރީ އޭނާގެ މާޒީގެ މި ހިތްދަތި ސަފުހާތަކުން މިއަދުގެ ޒުވާނުންނަށާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކިތަންމެ ބޮޑު ތަކުލީފެއް ކުރިމަތިވި ނަމަވެސް، ހިތްވަރާއެކު ތެދުވެއްޖެނަމަ ކާމިޔާބީގެ އައްސޭރިއަށް ވާސިލުވެވޭނެކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.