މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ)އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ)އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
އެގޮތުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87ރަބަރު ޕެކެޓު ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 143.4ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.