އާންމުންގެ ޝަކުވާތަކާ އެކު މަސްދަޅުގެ އަގު ކުރިން ހުރި ވަރަށް މިފްކޯއިން ތިރިކޮށްފި
ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކުރުމަށްފަހު އަދި އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކާ ގުޅިގެން، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މިއަދު ތެޔޮ މަސްދަޅުގެ އަގަށް ގެނައި ބަދަލު ބާތިލުކޮށް، ކުރިން ވެސް ހުރި އަގުގައި އެ އުފެއްދުންތައް ވިއްކުމަށް މިރޭ ނިންމައިފިއެވެ.
މިގޮތަށް ހަމަޖެއްސުމާ އެކު، އެ ކުންފުނީގެ ފިހާރަތަކުން މިރެއިން ފެށިގެން ތެޔޮ މަސްދަޅު ކޭހެއް ގަންނަން ލިބޭނީ 760 ރުފިޔާއަށެވެ. އަދި ވަކި ދަޅެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 17.50 ރުފިޔާއަށެވެ.
ދިވެހިންގެ ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ މި އުފެއްދުމުގެ އަގު ބޮޑުކުރުމަށްފަހު، އެ ނިންމުން ކުއްލި ގޮތަކަށް ބަދަލުކުރިކަން އެ ކުންފުނިން ހާމަކުރީ މިއަދު ފަހުގެ ވަގުތެއްގައެވެ. މިފްކޯއިން ބަޔާންކުރި ގޮތުގައި، އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ ފެންވަރު ރަނގަޅު، ތާޒާ އުފެއްދުންތައް އާންމު ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހެޔޮ އަގުތަކެއްގައި އަބަދުވެސް ފޯރުކޮށްދިނުމެވެ.