ވިޔަފާރި

ހަރަދު ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީގެ އިމާރާތް/ ފޮޓޯ: މިނިސްޓްރީ

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ޖުމްލަ 3.5 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Allied

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން އާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މިފަހަރު ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު މުއްދަތަކަށް ބަހާލެވިފައިވާ ޓީ-ބިލްތަކެކެވެ.

ޓީބިލް ވިއްކަން ހުޅުވާލި އަދަދު:

28 ދުވަހުން އަނބުރާ ދައްކާ ގޮތަށް: 1.17 ބިލިއަން ރުފިޔާ
98 ދުވަހުން އަނބުރާ ދައްކާ ގޮތަށް: 169 މިލިއަން ރުފިޔާ
182 ދުވަހުން އަނބުރާ ދައްކާ ގޮތަށް: 225.5 މިލިއަން ރުފިޔާ
364 ދުވަހުން އަނބުރާ ދައްކާ ގޮތަށް: 1.98 ބިލިއަން ރުފިޔާ

ފައިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ޓީ-ބިލަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ 'ސަބްސްކްރިޕްޝަން ފޯމް' މެދުވެރިކޮށް ހުށަހެޅުމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސޭލްސް ޑޭޓްގެ ހެނދުނު 8:30 އިން 11:00 އަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 23 ގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒް ޖުމްލަ އަދަދު 100.8 ބިލިއަން ރުފިޔާއަށް އަރައެވެ. މި އަދަދުގެ ތެރޭގައި ހިމެނޭ ޓީބިލްގެ ޖުމްލައަކީ  ދިވެހި ރުފިޔާއިން ވިއްކާފައިވާ 41.5 ބިލިއަން ރުފިޔާގެ ޓީބިލާއި ޑޮލަރުން ވިއްކާފައިވާ 4.4 ބިލިއަން ރުފިޔާގެ ޓީބިލެވެ.

Ads by Allied Insurance