އިންޑިއާ އާއި ނިއުޒީލެންޑުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އާގަރާގެ ހަމުގެ ސިނާއަތަށް ބައިނަލްއަގުވާމީ ކުރިއެރުމެއް
އިންޑިއާ އާއި ނިއުޒީލެންޑާ ދެމެދު ގާއިމުކުރާ ތާރީޚީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި (އެފްޓީއޭ) ސޮއިކުރުމުގެ ކުރިން، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް އާއި ނިއުޒީލެންޑުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް މިނިސްޓަރު ޓޮޑް މެކްލޭ އާގަރާގައި ބޭއްވި ސިނާއީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ދެ މިނިސްޓަރުންވެސް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ އާއި ނިއުޒީލެންޑުގެ މި އެއްބަސްވުމަކީ ހަމައެކަނި މުދަލުން ނަގާ ޓެކްސް ކުޑަކުރުމުގެ އެއްބަސްވުމެއް ނޫނެވެ. އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއީ މާކެޓް އެކްސެސް، ދަނޑުވެރިކަން، އިންވެސްޓްމަންޓް، ހުނަރުވެރި މަސައްކަތްތެރިން، ކުޅިވަރު، ފަތުރުވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހިމެނޭ ފުޅާ ދާއިރާއެއްގެ އެއްބަސްވުމެކެވެ. މީގެ ސަބަބުން އުފެއްދުންތެރިންނާއި، ދަނޑުވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެން ފެށުންތެރިންގެ އިތުރުން ދަރިވަރުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.
އާގަރާއަކީ އިންޑިއާގައި އުފައްދާ ހަމުގެ ފައިވާނުގެ ގާތްގަނޑަކަށް 75 އިންސައްތަ ހިއްސާކުރާ ސިޓީއެވެ. މި އެއްބަސްވުން އަމަލީ ގޮތުން ހިނގަން ފަށާ ދުވަހުން ފެށިގެން، އިންޑިއާއިން ބޭރުކުރާ މުދަލުން ނަގާ ޑިއުޓީ ކަނޑާލެވޭނެއެވެ. ވަކިން ހާއްސަކޮށް ހަމުގެ އުފެއްދުންތަކުން ނަގާ 5 އިންސައްތަ ޑިއުޓީ ސުމަކަށް ތިރިކުރުމުން، އިންޑިއާގެ އެކްސްޕޯޓަރުންނަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
ސިނާއަތުގެ މަންދޫބުން ފާހަގަކުރި ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް މި ދާއިރާގެ އަގު 50 ބިލިއަން ޑޮލަރަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. ނިއުޒީލެންޑުގައި ހުރި ގިނަ އަދަދެއްގެ ހަމުގެ ރޯ މާއްދާތަކާއި، އިންޑިއާގެ އުފެއްދުންތެރިކަމުގެ ގާބިލުކަން ގުޅިގެން ދެ ގައުމަށްވެސް ބޮޑެތި މަންފާތަކެއް ހޯދޭނެ ކަމަށް ބަޔާނުގައިވެއެވެ. ދެ މިނިސްޓަރުންވެސް ވަނީ އާގަރާއަކީ ދުނިޔޭގެ ބާޒާރަށް މުދާ ފޯރުކޮށްދޭ އަދި ގިނަ ވަޒީފާތަކެއް އުފައްދާ މައި މަރުކަޒަކަށް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ބޭހާއި މެޑިކަލް އިކުއިޕްމަންޓްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މި އެއްބަސްވުމުގެ ސަބަބުން ބޭސް އުފައްދާ ކުންފުނިތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އިންސްޕެކްޝަން ރިޕޯޓުތައް ބަލައިގަނެ، ހުއްދަ ހޯދުމުގެ މަރުހަލާ އަވަސްވެގެންދާނެއެވެ. އަދި އޭޔޫއެސްއެޗް (AYUSH) ނުވަތަ ސަގާފީ ބޭސްވެރިކަމަށް ހާއްސަ ބައެއް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ. މިއީ ދެ ގައުމުގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސަގާފީ ބޭސްވެރިކަން ރަސްމީކޮށް ބަލައިގަތް ފުރަތަމަ ފަހަރެވެ.
ތައުލީމީ ދާއިރާއާއި ހުނަރުވެރި މަސައްކަތްތެރިންނަށް ހުޅުވިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ގޯޔަލް ވިދާޅުވީ މިއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެ މަގަކަށް ވާނެ ކަމަށެވެ. އޭނާ ވަނީ ހަމައެކަނި އާދައިގެ ސިނާއަތްތަކަށް ނުބަލައި، ފާމަސީ، ތައުލީމު، ކުޅިވަރު އަދި އިންވެސްޓްމަންޓް ފަދަ ދާއިރާތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.
ނިއުޒީލެންޑުގެ މިނިސްޓަރު ޓޮޑް މެކްލޭ ވިދާޅުވީ އިންޑިއާއަކީ އެ ގައުމަށް ވަރަށް މުހިންމު އިސްތިރާތީޖީ ބައިވެރިއެއް ކަމަށެވެ. އަދި މިއީ ނިއުޒީލެންޑުން މިހާތަނަށް ގާއިމުކުރި އެންމެ ފެންވަރު ރަނގަޅު އެފްޓީއޭ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އިންޑިއާގެ އިގްތިސާދު ކުރިއަރަމުންދާއިރު، ނިއުޒީލެންޑުގެ ކުންފުނިތަކަށް އިންޑިއާގައި އިންވެސްޓްކުރުމަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާގަރާގައި ބޭއްވުނު މި ބައްދަލުވުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގެ އައު ބާބެއްގެ ފެށުމެވެ. މި އެއްބަސްވުމުގެ މަސައްކަތް ފެށިތާ އެންމެ 9 މަސް ދުވަހުގެ ތެރޭގައި ނިންމާލާފައިވުމީ ލިބުނު ބޮޑު ކާމިޔާބީއެކެވެ.