ދުނިޔެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން
xr:d:DAFuanFTaxI:17,j:1966224123904085482,t:23091412

ޕާކިސްތާނުގެ އާއިލާއެއްގެ ތިންވަނަ ޖީލު ވެސް ދަނީ އަޅުންގެ ގޮތުގައި ބުރަ މަސައްކަތް ކުރަމުންނެވެ. އުމުރުން އެންމެ 15 އަހަރުގެ ސަނިއާގެ ކާފަ އަކީ ވެސް ދަރަނީގެ މަޅީގައި ބެދި، އަޅުވެތިކަމުގެ ތެރެއަށް ވެއްޓުނު މީހެކެވެ.

Ads by Allied

"ޖާވިދު އާއި ސުރައްޔާގެ އޮތީ އެންމެ ފިރިހެން ދަރިއަކާއި ހަ ކާފަދަރިންނެވެ. އޭގެ ތެރެއިން އެންމެ ހަގީ އުމުރުން 15 އަހަރުގެ ސަނިއާއެވެ. މި ނިކަމެތި ހާލަތު އާއިލާގެ ހަތަރުވަނަ ޖީލަކަށް ފޯރުމުގެ ބިރު އެބައޮތެވެ،" ހިއުމަން ފްރެންޑްސް އޯގަނައިޒޭޝަން (އެޗް.އެފް.އޯ) ގެ ސާޖިދު ކްރިސްޓޮފާ ޕާކިސްތާނުން ފޮނުވި އީމެއިލެއްގައި ބުނެފައިވެއެވެ. އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ދަރަނީގެ ބުރައިގެ ދަށުގައި އާދަޔާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރަމުންދާ މި މަސީހީ އާއިލާއާ މެދުގައެވެ.

އުމުރުން މިހާރު 72 އަހަރުގެ ޖާވިދު މަސީހު، ގާ އެންދުމުގެ މަސައްކަތުގައި އުޅޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މެދުކެނޑުމެއް ނެތް ވަރުބަލިކަމާއި، ޖިސްމާނީ ގޮތުން ކުރަންޖެހޭ ބުރަ މަސައްކަތުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. "އޭނާގެ ހަންގަނޑަށް ބަލާލުމުން ގާ އެންދުމުގެ ތެރޭގައި އުފެދޭ ހިރަފުސް ހަރުލާފައި ހުރި މިންވަރު ފެނެއެވެ. އަދި ގާބުރިތަކުގެ ބަރުދަނުގެ ސަބަބުން އޭނާގެ ކޮނޑުވަނީ ގުދުވެފައެވެ،" ސާޖިދު ސިފަކޮށްދިނެވެ.

ގާ ފެކްޓްރީގައި ދުވަސް ފެށެނީ އިރު އެރުމުގެ ކުރިންނެވެ. ޖާވިދު މަސީހުގެ އާއިލާއިން ހޫނު މޫސުމުގެ ގަދަ ހޫނާއި، ފިނި މޫސުމުގެ ގަދަ ފިނީގައި، އަތްފައި އައްސިވަންދެން މަސައްކަތް ކުރެއެވެ. ކާފަ ގާ އެންދުމުގެ މަސައްކަތް ކުރާއިރު، އާއިލާގެ އެހެން މީހުން މަށީގެ ގާބުރިތައް ހަދައި ހިއްކަން އަތުރައެވެ. އެމީހުން މި ހުރިހާ މަސައްކަތެއް ކުރަނީ ހަމައެކަނި ބަނޑުފުރާނަ މުއްތިކުރުމަށެވެ. ބަލިމަޑުކަމެއް ދިމާވެއްޖެނަމަ ބޭސްފަރުވާ ކުރާނެ ފައިސާއެއް އެމީހުންގެ އަތަކު ނުހުރެއެވެ. އަދި އޭނާގެ ދަރިންނަށް ނުވަތަ ކާފަދަރިންނަށް ސްކޫލަށް ފޮނުވޭވަރުގެ އާމްދަނީއެއް ދުވަހަކުވެސް ނުލިބެއެވެ.

ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި މަޖުބޫރުވެގެން ނެގި ކުޑަ ލޯނެއް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ވަނީ ނުދެއްކޭ ވަރުގެ ބޮޑު ދަރަންޏަކަށް ބަދަލުވެފައެވެ. މިއަދު ޖާވިދު ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 399,756 ރުޕީސް (ގާތްގަނޑަކަށް 1,200 ޔޫރޯ) އެވެ. މިއީ އޭނާގެ ތަނަވަސްކަން ހުރި ގޮތުން ދެއްކޭނެ އަދަދެއް ނޫނެވެ. "މި ދަރަނީގެ ސަބަބުން އޭނާ ވަނީ ގާ ފެކްޓްރީގައި ބަންދުވެފައެވެ. އޭނާ ކުރާ މަސައްކަތުން އާއިލާއަށް ކުރިއެރުމެއް ލިބުމުގެ ބަދަލުގައި، އެ ހުރިހާ އާމްދަނީއެއް ދަނީ ދުވަހަކުވެސް ކުޑަނުވާ ދަރަންޏެއް ދެއްކުމަށެވެ،" ސާޖިދު ބުންޏެވެ. ދަރަނި އެއްކޮށް ދައްކާ ނިމެންދެން އޭނާ އެތަނުން ދިޔަ ނުދޭނެ ކަމަށް ފެކްޓްރީގެ ވެރިޔާ ވަނީ ބުނެފައެވެ. ޖާވިދު މަސީހުގެ ދިރިއުޅުން މިހާރު ވައްތަރީ ޖަލެއްގައި އުޅޭ ހާލަތާއެވެ. އޭނާގެ މުސްތަގުބަލާއި އާއިލާގެ މުސްތަގުބަލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޕާކިސްތާނުގެ އެންމެ ފަގީރު މީހުން، ހާއްސަކޮށް މަސީހީންނަށް މިފަދަ ދަރަނީގެ މަޅިތައް އަމާޒުވެއެވެ. ކިޔަވައިގެން ނެތުމުގެ ސަބަބުން، ލޯނު އެއްބަސްވުންތަކުގައި ހުންނަ އޮޅުވާލުންތައް އެމީހުންނަށް ނޭނގެއެވެ. ބޮޑު އިންޓްރެސްޓާއި ކުޑަ މުސާރައިގެ ސަބަބުން، ދަރަނި ދެއްކުމުގެ ބަދަލުގައި ދަރަނި ދަނީ އިތުރުވަމުންނެވެ. މިއީ ހަމައެކަނި އިގްތިސާދީ މައްސަލައެއް ނޫނެވެ. މިއީ ޒަމާނީ އަޅުވެތިކަމުގެ ބާވަތެކެވެ. މީހުންގެ ހައްގުތަކާއި ފުރުސަތުތައް މިކަމުގެ ސަބަބުން ގެއްލިގެންދެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓެއް ބުނާގޮތުން، ޕާކިސްތާނުގައި 4.5 މިލިއަން މީހުން އަޅުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. މީގެ ތެރޭގައި ގާ ފެކްޓްރީތަކުގެ އިތުރުން ދަނޑުވެރިކަމާއި ގޭގެ މަސައްކަތް ކުރާ މީހުން ހިމެނެއެވެ. އަދި އާއިލާއަށް އެހީވުމަށް މަސައްކަތަށް ނުކުންނަން ޖެހުމުގެ ސަބަބުން، ގާތްގަނޑަކަށް އެއް މިލިއަނަށް ވުރެ ގިނަ ކުދިންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

އައި.އެސް.އެޗް.އާރު (ISHR) ގެ އެހީތެރިކަމާއެކު، ސާޖިދު ވަނީ މީގެ ކުރިން ވެސް ގިނަ އާއިލާތަކެއް މިފަދަ ހާލަތްތަކުން ސަލާމަތްކޮށްދީފައެވެ. ޖާވިދު މަސީހުގެ އާއިލާއަށް އާ ފެށުމެއް ހޯދައިދިނުމަށް ގާތްގަނޑަކަށް 2,000 ޔޫރޯ ބޭނުންވެއެވެ. މި އެހީގެ ސަބަބުން އެ އާއިލާއަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ads by Allied Insurance