ކަމަދޫގެ ކަރަންޓު ކޭބަލަކަށް މައްސަލަ ދިމާވެ، ފޯރިގަދަ ޢީދު ކުޅިވަރުތަކަށް ހުރަސްއެޅިއްޖެ
ބ. ކަމަދޫގައި ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް މިއަދު ހަވީރު ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑި، އެ ރަށުގައި ރާވައިފައިވާ ކުލަގަދަ ޢީދު ހަރަކާތްތަކަށް ހުރަސްއެޅިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ މިއަދު ހަވީރު 4:30ހާއިރުއެވެ. ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި، ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
މި ކަމަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި ކައިރީގައި އޮތް ރިސޯޓަކުން އައު ކޭބަލެއް ހޯދައިގެން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރަށުގެ އާންމު ރައްޔިތަކު ވަނީ ބުނެފައެވެ.
ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކަމަދޫއަކީ އާދަޔާޚިލާފު ފޯރިއެއްގައި، ސަގާފީ ކުޅިވަރުތަކާއި މިއުޒިކް ޝޯތަކާ އެކު ފަސް ދުވަހުގެ މުއްދަތަކަށް މިފަހަރުގެ ޢީދު ފާހަގަކުރަން ތައްޔާރުވެފައިވާ ރަށެކެވެ. ނަމަވެސް ގިނަ އިރުތަކެއް ވަންދެން ކަރަންޓު ނެތުމުގެ ސަބަބުން ޚާއްޞަކޮށް ރޭގަނޑުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.