ބޮލީވުޑްގެ ތަރި ސަނާޚާން : "މިއަދުން ފެށިގެން މުނިފޫހި ފިލުމުގެ ދާއިރާ ދޫކޮށް ، ﷲގެ އަމުރުފުޅުތަކަށް ތަބާވާން ނިންމައިފިން"

މޮޑެލިންއާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ބޮލީވުޑްގެ ތަރި ސަނާޚާން އެ ދާއިރާ ދޫކޮށްލަން ނިންމައިފިއެވެ.
މިކަން އިޢުލާން ކުރަމުން ސަނާޚާން މީސްމީޑިއާގައި ބުނެފައި ވަނީ މިއަދުން ފެށިގެން މުނިފޫހިފިލުވުމުގެ ދިރިއުޅުން އުމުރަށް ދޫކޮށްލަން ނިންމައިފިން ކަމަށާއި އިންސާނިއްޔަތަށް ޚިދުމަތްކޮށް ކުރުމުގައި ދެމިހުރުމަށް ނިންމައިފިން ކަމަށެވެ.
"މިއަދުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާ ، އުމުރަށް ދޫކޮށްލާ ، އިންސާނިއްޔަތަށް ޚިދުމަތްކޮށް ، އަހަރެން އުފެއްދެވި އިލާހުގެ އަމުރުފުޅުތަކަށް ތަބާވާން ނިންމައިފިން"
މި ނިންމުމާއެކު ސަނާޚާން ވަނީ އައުރަ ނިވާކޮށް ބުރުގާ ވެސް އަޅާފައެވެ.
މުސްލިމު ދެމަފިރިއެއްގެ ދަރިއެއްކަމަށްވާ ސަނާޚާން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ މިހާރު 10 އަހަރު ވެއްޖެއެވެ. މޮޑެލިންގެ ދާއިރާއިން ކެރިއަރު ފަށާ އޭނާ ވަނީ ފިލްމީ ދާއިރާގައި ވެސް ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިންޓަނޭޝަނަލް ޓަމިލް ފިލްމް އެވޯޑްސްގެ 2008 ވަނަ އަހަރުގެ އެންމެ މޮޅު އާ އެކްޓްރެސްގެ އެވޯޑް އޭނާ ވަނީ ހޯދާފައެވެ.
އޭނާ ވަނީ "ބިގްބޮސް-6" އަދި "ޖަލަކް ދިކްލާޖާ-7" އިން ވެސް ފެނިގެން ގޮސްފައެވެ.
ބޮލީވުޑްގެ ކްރިއޮގްރާފަރ މެލްވިން ލުއިސްއާ ރައްޓެހިވެގެން އުޅޭކަން އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކޮށްފައެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން މިއަހަރުގެ ފެބްރުއަރީގައި އޭނާ ވަނީ އެގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ޑިޕްރެޝަނަށް ދިޔަކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.