ޚަބަރު

ފިންލެންޑްގެ ބޮޑުވަޒީރަކަށް އެންމެ 16 އަހަރުގެ އަންހެން ކުއްޖެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަންހެން ކުދީންގެ ހައްގުތައް ކުރިއެރުވުމަށް ފިންލެންޑް ސަރުކާރުން ހިންގާ ކެމްޕޭންގެ ދަށުން އުމުރުން އެންމެ 16 އަހަރުގެ އަންހެން ކުއްޖަކަށް އެއް ދުވަހަށް އެގައުމުގެ ބޮޑު ވަޒީރުކަން ހަވާލުކޮށްފިއެވެ.

Ads by STELCO

މޫސުމީ ބަދަލުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ކެމްޕޭންތަކުގައި ހަރަކާތްތެރި ، އުމުރުން 16 އަހަރުގެ ދަރިވަރެއް ކަމަށްވާ އާވާ މުރްޓޯއާ ބޮޑު ވަޒީރުކަން ހަވާލު ކުރެއްވީ އެގައުމުގެ ބޮޑު ވަޒީރު އަދި ދުނިޔޭގެ އެންމެ ޒުވާން ބޮޑު ވަޒީރު ކަމަށްވާ އުމުރުން އެންމެ 34 އަހަރުގެ ސަންނާ މަރިންއެވެ. އެގޮތުން މިިދިޔަ ބުދަ ދުވަހު އާވާ މުޅިން ތަފާތު ތަޖުރިބާތަކެއް ކުރިއިރު މަރިންއަށްވީ ލުއި ދުވަހަކަށެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެ އާވާ ވަނީ ޕާލަމެންޓްގެ މެމްބަރުންނާއި ވަޒީރުންނާ ބައްދަލުކޮށް ތަރައްގީގެ މަޝްރޫއުތަކާއި އެގައުމުން ހިންގާ ބައިނަލްއަގުވާމީ ވިޔަފާރިތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ހަމައެހެންމެ އާވާ ވަނީ ޕާލަމެންޓަށް ޒިޔާރަތްކޮށް ޕާލަމެންޓްގެ ޗާންސެލާއާ ބައްދަލުކޮށްފައެވެ. މި މަޝްވަރާއަށްފަހު އާވާ ވަނީ ޕާލަމެންޓްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.

އާވާގެ ދުވަހުގެ ތާވަލްގައި ބޮޑު ވަޒީރު މަރިންއާއެކު ހެނދުނު ނާސްތާ ހަމަޖެހިފައި އޮތް ނަމަވެސް ، އެކަން ވަނީ އެކި ސަބަބުތަކާހުރެ ކެންސަލްކޮށްފައެވެ. އަދި ބޮޑު ވަޒީރާއެކު އާވާ ބައްދަލުކޮށްފައި ވަނީ ދުވަހުގެ މަސްއޫލިއްޔަތުތައް ނިންމާ ބޮޑު ވަޒީރަށް ބުރީފްކޮށް ދިނުމަށް ހަވީރު ބޭއްވި ބައްދަލުވުމުގައެވެ.

އެއްދުވަހަށް ބޮޑު ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވި އާވާ ، ފުލްޓައިމްކޮށް އެ މަގާމާ ހަވާލުވާން ޝައުގުވެރިކަން އެބަހުރިތޯ ނޫސްވެރިއަކު ވަނީ އޭނާއާ ސުވާލުކޮށްފައެވެ. އާވާ ބުނީ އެ މަގާމަށް ވެރިއަކު ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. ނަމަވެސް އެކަމަށް ޝައުގުވެރިކަން ހުރިކަމަށް އާވާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!