ރިޕޯޓު

ދޮގުނުހަދާން ގޮނޑީގައި އިނިއްޔާ ހަދަންވާނީ ތެދު!

ދެން އެމްވީ

އަބަދަކު އެންމެން ދައްކާނީ ތިމާ އެދޭ ވާހަކައެއް ނޫނެވެ. ފެންނާނީ ދެކެން އެދޭހާ މަންޒަރެއް ނޫނެވެ. އިވޭނީ އަހަން ބޭނުންވާ އަޑު އެކަންޏެއް ވެސް ނޫނެވެ. އެހެނީ ކޮންމެ މީހަކީ ތަފާތު ވަކިމީހެކެވެ. ވިސްނުމާ ފިކުރު ހުރިހާ ކަމެއްގައި އެއްގޮތް ނުވުމަކީ އިންސާނީ ޠަބީޢަތެވެ. މީހަކާ ރުހި ގަބޫލުވުމަކީ އެމީހަކު ދައްކާ ހުރިހާ ވާހަކައެއް ގަބޫލުކުރުން ލާޒިމުކުރާ ކަމެއްނޫނެވެ. މީހެއްގެ މޮޅުކަމަކީ އެހެން މީހަކު ބުނާ ވާހަކަ އަޑު ނޭހުމެއްނޫނެވެ. ތިމާއަށް ކަމެއްނޭނގި އޮތުމަކީ އެކަމެއް ނެތުމެއް ނޫނެވެ. މީހަކު ބުނާ ކޮންމެ ބުނުމަކީ ދޮގަކަށް ނުވެދާނެއެވެ.

ތިމާ ، ދެކެ އަތުން ހިފާ ކަންތައްތައް ކަމާބެހޭ ފަރާތަށް ހިއްސާކުރުމަށް ގިނަބަޔަކަށް ވަގުތެއް ނޯވެއެވެ. ކުށެއްކުރާތަން ފެނުނަސް އެކަމެއް ރިޕޯޓުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަ ކޮށްގެން އެކަން ކުރުމަށްވުރެ ގިނަމީހުނަށް ފަސޭހައީ އެކަމެއް ނުކުރުމެވެ. އެހެން ކަމުން ކަމާބެހޭ ފަރާތުން މައުލޫމާތު ހޯދައިގެން ކަމެއްކުރުމަކީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެކަމަށް ހުސްވެގެން ތިބޭ ނޫސްވެރިންނަށްވެސް އެކަން އެއުޅެނީ ނުވެގެންނެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް މިހާރު އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ސޯޝަލް މީޑިޔާއެވެ.

ހާދިސާ ހިނގިގޮތް ކަށަވަރުކޮށް ކަމުގެ ފުނަށް ދިޔުމަށް ސޯޝަލް މީޑިޔާއަކީ ވަރަށް މުހިންމު ވަސީލަތެކެވެ. ނުސިޔާނުކޮށް ހިނގާ ގިނަ ކަންކަމުގެ ފުރަތަމަ ޤަރީނާ ތިލަވެފައި އޮންނަނީ ސޯޝަލް މީޑިޔާއިންނެވެ. ތެދެކެވެ.ސޯޝަލް މީޑިއާގައި މުޅިއަކުން ހުންނަނީ ތެދުވާހަކަތަކެއް ނޫނެވެ. އެހެނެއް ކަމަކު އެ ޕްލެޓްފޯމުގައި ޝާއިއު ކޮށްފައި އޮންނަ ކޮންމެ ޕޯސްޓެއްގައިވެސް އަމާޒެއް އޮންނާނެއެވެ. ކޮންމެ މަޤްޞަދެއްގައި ކުރެވިފައިވާ ޕޯސްޓެއްގައި ވެސް ނޫސްވެރިޔަކު ޚަބަރެއް ހެދުމަށް ބޭނުންވާ ޒާތުގެ ބޭނުންތެރި މެސެޖެއް އޮވެދާނެއެވެ. ތަހުޤީޤީ ނޫސްވެރިކަމުގައި ބޮޑެތި ވައްކަންތަކާއި ޚިޔާނާތްތަކާއި އިޖުތިމާއީކަންކަމާއި ޤައުމީސަލާމާތަށް ނުރައްކާ ވެދާނެ ބޮޑެތިކަންކަން ތިލަކޮށްލުމުގެ އަސާސީ މައުލޫމާތު ސޯޝަލްމީޑިއާއިން ލިބިފައި ހުންނަނީ މަދެއްކޮށް ނޫނެވެ.

މިހަޤީޤަތް މިހެން އޮތްއިރު ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުންގެ ވިސްނުންފުޅު ޒިންމާ ނަންގަވާ ހިސާބުން އެހެން އަތަކަށް އެނބުރި ގަންނަނީ ފިސާރި ބާރަށެވެ.މީޑިޔާއަކީ ބާރުވެރި ބޭބޭފުޅުން ބޭނުންފުޅުވާ ވާހަކައެއް ނޫން ވާހަކައެއް ދެކެވިގެން ނުވާނެ ބާރެއްކަމަށް ގަބޫލު ކުރައްވާ ކަހަލައެވެ. ނޫސްތަކުގެ ފަލަ ސުރުޚީތައް ޚާއްޞަ ކުރެވިފައި އޮންނަންވާނީ އެބޭބޭފުޅުންގެ މަސްލަހަތުގެ މަތީގައިކަމަށް ހީކުރައްވާ ކަހަލައެވެ. މީޑިޔާ ސްޓަންޓް ހައްދަވައިގެން ކޮންމެ ދުވަހަކު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯއްދެވުމަކީ ބައެއް ބޭބޭފުޅުން މާކުރައްވާ ހިތްވާ ކަމެކެވެ. ނޫހެއްގައި ޚަބަރެއް ގެނެސްދީފައި އޮންނަ ގޮތަކުން ނުތަނަވަސްކަން އުފެދި ދިމާލަށް ފެންނަން ހުންނަކަންކަންވެސް ބާރު ހުރި ފަރާތްތަކުން ދޮގުކުރަނީ މަދެއްކޮށްނޫނެވެ. ނޫސްވެރިއަކު ހަބަރެއް ލިޔުމަށް ލިބޭ މައުލޫމާތެއް ކަށަވަރުކުރުމަށްޓަކައި ޒިންމާދާރު ފަރާތަކާ ސުވާލުކުރުމުން ނޫސްވެރިޔާ މައުލޫމާތު ހޯދީ ކޮންތާކުންތޯ ސުވާލުކުރުމަކީ ޤާނޫނު އަސާސީ ހުއްދަ ކުރާކަމެއް ނޫނެވެ. މައުލޫމާތު ލިބުނީ ސޯޝަލް މީޑިޔާއިންތޯ ނޫނީ އެހެންތާކުންތޯ ބަލާކަށް ނުޖެހެއެވެ. ތެދުބަހުން ދެއްވެން އޮތްވަރަކަށް މައުލޫމާތު ދެއްވުމުން ނިމުނީއެވެ.

އާއްމު ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ވަކިވަރަކަށް މީހަކަށް ލިބުމުން އެމީހަކު ދައްކާނީ ހުސްތެދުވާހަކަ ކަމަށް ގަބޫލުކުރާކަށް ނުޖެހޭނެއެވެ. އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާގައި ހިއްސާ ކޮށް ސަމާލުކަމަށް ކަމެއް ގެނައުމުން ސޯޝަލް މީޑިޔާއާއި ހަވާލާދިނީތީ ޖަވާބު ނުދިނުމަކީ ހުތުރު ކަމެކެވެ. ލިބިފައި އޮތް އިތުބާރާ ލޯބީގައި ކޫރުން އެޅޭނެ ކަމެކެވެ. ގޯސްކޮށް ކަމެއް ވެވިފައި އޮވެދާނެއެވެ. އެކަމަކީ އަނބުރާ ރުޖޫޢަނުކުރެވޭ ވަރުގެ ގެއްލުން ބޮޑު ކަމަކަށްވެސް ވެދާނެއެވެ. އެހެނެއްކަމަކު، މައުލޫމާތު ލިބުނު ވަސީލަތާ އަޅުވާފައި ޖަވާބުދާރީ ނުވުމަކީ ދޮގުނުހެދުމެއް ނޫނެވެ. އެހެންނޫނަސް ވަގަކު ވައްކަން ކުރަނިކޮށް ތިކުރަނީ ވައްކަމެއްތޯ އަހައިގެން އެކުރަނީ ވައްކަމެއްކަމަށް ވަގުކަލޭގެ އެއްބަސްވާނެ ކަމަށް ހީކުރާނީ މޮޔައެކެވެ. ދޮގުނުހަދާން ގޮނޑީގައި އިންކަމަށް ވަންޏާ ހަދަންވާނީތެދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!