ރިޕޯޓް

ކޯވިޑް19: ރޮއްވައިފިއެ މުޅި ދުނިޔެ ހަނާކޮށްމި ކޮރޯނާ

ދެން އެމްވީ ، ދެން އޮންލައިން

ޖައްސާފިޔެ މަރު ހާލް ދުނިޔެ ކޮށްފިއެ ރޯނާ،
ރޮއްވައިފިއެ މުޅި ދުނިޔެ ހަނާކޮށްމި ކޮރޯނާ

Ads by STELCO

ހަމަގައިމުވެސް މި ޅެންބައިތުން ދޭހަކޮށްދެނީ މިއަދު މުޅި ދުނިޔެ ތަހައްމަލު ކުރާ ވޭނީ ދުވަސްތަކެވެ. ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޯވިޑް 19 މިއަދު މިދަނީ ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ. ހަނގުރާމަ ކޮށް އަނިޔާވެރިކަމަށް ގޮވާލި ދުނިޔޭގެ ވަރުގަދަ ގައުމުތައް މިއަދު މިވަނީ ހަނދާނެ ގޮތެއް ނޭނގި ކޮރޯނާގެ އަޅުވެތި ކަމަށް ގޮސްފައެވެ. މުސްލިމުން މަރައި، ލާއިންސާނީ އެތައް އަމަލެއް ހިންގި ގައުމުތަކުގެ އިގްތިސާދު މިއަދު އެދަނީ ހަނާވަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2372929 އަށް އަރާފައެވެ. އަދި ބަލި ޖެހިގެން މިދުނިޔެއާއި ވަކިވެގެން ދިޔަ މީހުންގެ އަދަދު 163633 އަށް އެރިއިރު ދުނިޔޭގެ އެކި ހިސާބުތަކުން ކޯވިޑް 19 ޖެހި، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 611693 އަށް އަރާފައެވެ.

މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން ކޯވިޑް 19 ޖެހިގެން 1543147 މީހުންނަށް ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން 54456 މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ. އިއްޔެ އެކަނިވެސް އެމެރިކާއިން 3667 މީހުންނަށް ކޯވިޑް 19 ޖެހިފައިވާއިރު، އެގައުމުން ބަލި ޖެހިގެން އިއްޔެ މަރުވި މީހުންގެ އަދަދު ވަނީ 637 އަރާފައެވެ.

އިޓަލީގައި އިއްޔެ ކޯވިޑް 19 އަށް 3047 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެގައުމުން ކޮރޯނާ ޖެހިގެން އިއްޔެ އެކަނި މަރުވި މީހުންގެ އަދަދު ވަނީ 433 އަށް އަރާފައެވެ. ޔޫކޭގައި އިއްޔެ ކޯވިޑް 19 ޖެހިގެން 596 މީހުން މަރުވެފައިވާއިރު، އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އެކަނި ވަނީ 5850 އަށް އަރާފައެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިހާރު ދަނީ ކޯވިޑް 19 ފެތުރެމުންނެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 52 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ޔަގީން ފަރުވާއެއް ލިބިފައިނުވާ ކޯވިޑް 19 ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ސަތޭކަ މީހުން ދުވާލަކު މަރުވަމުން ދާއިރު، ސިއްހީ ތަޖްރިބާކާރުން ދަނީ ބައްޔަށް ފަރުވާއެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިވަގުތު ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ސިއްހީ ތަޖްރިބާ ކާރުންގެ އަޑު އަހައި ބަސްއަހައިގެން ގޭގައި ތިބުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!