ރިޕޯޓު

ގަދަ ފެހީގެ ބަޠަލުން، ޤައުމީ ޚިދުމަތުގައި 128 އަހަރު

އެތެރެއިންނާއި ބޭރުން ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި، ޤައުމުގެ ދިފާއުގައި އެންމެ ފުރަތަމަ ނިކުންނަ އެއް ބަޔަކީ ޤައުމުގެ ސިފައިންނެވެ.މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށްލާ، ކެރިގެން ދިވެހި ސިފައިން މިޤައުމަށް ޚިދުމަތް ކުރާތާ މިއަދަށް 128 އަހަރު ފުރުނީއެވެ.

މިވޭތުވެދިޔަ މާޒީގައި ސިފައިން މިގައުމަަށް ޓަކައި ވި ޤުރުބާނީ އަކީ އޭގެ އަގު އަދާ ކުރުމަށް އަހަރެމެން އުޒުރުވެރިވާ ޤުރުބާނީ އެކެވެ. ފަހުގެ ތާރީޚެއްގައި އާދެ! މަޝްހޫރު ބަޑި ބުރާސްފަތީގައި ދިވެހި ޚާއިނުންނާއި ލަންކާގެ ޓެރަރިސްޓުންގެ ކިބައިން މި ގައުމު ސަލާމަތްކުރުމުގައި ދިވެހި އެތައް ސިފައިންނެއް ފުރާނައިން ޤުރުބާންވިއެވެ. (ﷲ އެބޭކަލުންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށިއެވެ.)

ސިފައިންގެ ޚިދުމަތަކީ އިރުއަރާ އޮއްސޭ ހަމަ ކޮންމެ ދުވަހަކު މި ބިމުން ފެންނަ ޚިދުމަތެކެވެ. އެ ސިފައިންނަކީ ވިއްސާރަވެ މަގުތަކުގައި ފެން ބޮޑުވުމުން، ރައްޔިތުން އުފުލާ ތަކްލީފުން ސަލާމަތް ކުރަން ނުކުންނަ ފައުޖެވެ. އެ ސިފައިންނަކީ ރަށަކަށް ހޮނު އަޅައިފިނަމަ، ނުވަތަ ގަދަ ވަޔާއެކު ގޭގެ ފުރާޅު އެއްލާލައިފިނަމަ ރައްޔިތުންނަށް އެހީވާ މަދަދުގާރުންނެވެ. އެ ސިފައިންނަކީ ތަނެއްގައި އަލިފާން ރޯވެއްޖެނަމަ އެކަމުން ރައްޔިތުން ސަލާމަތް ކުރުމުގައި ފަހަތަށް ނުޖެހޭ ހިތްވަރުގަދަ ފަހުލަވާނުންނެވެ. އެ ސިފައިންނަކީ މީހަކު ގެއްލިއްޖެނަމަ ނިދުމެއް ވަރުބަލިކަމެއް ނެތި އެމީހަކު ހޯދުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚުތުންނެވެ.
މިވަގުތު ޤައުމަށް ދިމާވެފައިވާ މިހައްސާސް ހާލަތުގައި ވެސް ލޯބިވާ އަނބިދަރީން ދޫކޮށް އެވެރީން އެތިބީ އަހަރެމެންގެ ރައްކާތެރިކަމަށް ޓަކައި ޖިހާދުގެ މައިދާނުގައެވެ.

ޝައްކެއްނެތް ގޮތުގައި ގަދަ ފެހިކުލައިގެ ޔުނީފޯމްގެ މިފަހުލަވާނުންނަކީ އެންމެންގެ ޝުކުރާއި ސަނާ ޙައްޤު ބައެކެވެ. ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެސް މިއަދު ވަނީ އެކަން ފާހަގަ ކުރައްވާ އެފަރާތްތަކަަށް ތައުރީފް ކުރައްވާފައެވެ.

ސިފައިންގެ ޙަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތަށް 128 އަހަރު ފުރުނުއިރު، މިއުފާވެރިކަން ދިވެހި އަސްކަރިއްޔާއާއި ރައްޔިތުންނާއި ވެސް ބައްދަލުކުރީ ހިތާމަވެރި ހާލަތެއްގައެވެ.
ކޯވިޑް-19 ގެ ޝިކާރަޔަކަށް އެތައް ދިވެހިންނެއް ވަމުންދިޔުމާއެކު އޭގެ ތެރޭގައި އަހަރެމެންގެ މި ނިކަމެތި ހާލުގައި އެހީތެރިވުމަށް ތިއްބެވި އެމްއެންޑީއެފްގެ ބޭކަލެއް ހިމެނުނު ކަމީ ހިތާމަވެރިކަމެކެވެ.

ސިފައިންނަށާއި އެބޭކަލުންގެ އާއިލާތަކަށް ބަރަކާތް ލައްވާށިއެވެ.ނުރައްކާތެރި ކޮރޯނާ ވައިރަހުން ދިވެހި އުއްމަތް ސަލާމަތް ކުރައްވާށި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!