ޖޫރިމަނާ ކުރުމުން ވެސް ބޭރުގައި އުޅުނު 4 މީހަކު ހައްޔަރު ކޮށްފި
ޖޫރިމަނާ ކުރުމުން ވެސް ބޭރުގައި އުޅުނު 4 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދުކޮށްފައި ވާއިރު މިހާރު ފުލުހުން ގެންދަނީ ކޮންމެ ގޭބިސީއަކުން އެކަކު ގެއިން ނިކުތުމުގެ ހާއްސަ ހުއްދައެއް ދޫކުރަމުންނެވެ. އެހުއްދައިގެ ދަށުން ގެއިން ނިކުންނަ މީހުންނަށް ވެސް އުޅެވޭނީ ވަކި ސަރަހައްދުތަކެއްގައެވެ. އެސަރަހައްދުތަކުން ބޭރަށް ހިނގައްޖެނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ މިހާތަނަށް 209 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 39 މީހުންނަކީ މިއަދު ޖޫރިމަނާ ކުރި މީހުން ކަމަށެވެ.
ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގެއިން ބޭރުގައި އުޅޭނަމަ ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާއެއް ކަމަށާއި ދެވަނަ ފަހަރު ނަމަ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އެފަދަ މީހުންގެ މައްޗަށް އުފުލާނެ ކަމަށެވެ.
މާލޭގައި މިހާރު ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ ބޭރަށް ނިކުތުމުގެ ހުއްދަ ލިބުނު ނަމަވެސް ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.