ބިދޭސީން ކަރަންޓީނު ކުރި ތަނުގެ ޙާލަތު ދަށް ކަމަށް ބުނުމުން ޓޫރިޒަމް މިނިސްޓްރީގެ އިސްބޭފުޅަކު ރައްދުދީފި
ވިލިވަރުގައި ހެދި "އެކްސްޕެޓް ވިލެޖް" ގައި ބިދޭސީން ތިބި ކަރަންޓީނު ފެސިލިޓީގެ ޙާލަތު ހުރީ އިންސާނުން ދިރިއުޅެންވާ ފެންވަރަށްވުރެ ދަށުގައިކަމަށް ބުނެ، އެތަނުގައި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިޔާގައި އާންމުވެ މީހުންގެ ފާޑު ކިޔުންތައް އަމާޒުވުމާއެކު ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބް ޝަހީމް ރައްދު ދީފިއެވެ.
މިކަމާއި ގުޅިގެން ތައްޔިބު ޝަހީމް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، މިއަދާއި ހަމައަށް ގިނަ ބިދޭސީން ދިރިއުޅެމުން ދިޔައީ އެއް އެނދެއްގައި ހަތަރު ފަސް މީހުން ނިދައިގެން ކަމާ، 10 ފޫޓް 10 ފޫޓް ގެ ކޮޓަރި އެއްގައި ބަނޑަށް ކަމާ، މަރުވަނީ ހާންތިވެގެން ކަމަށެވެ. އަދި މިއަދު ބަޔަކު އެމީހުނާ އަޅާލުމުންވެސް އެކަން ވީ ގޯހަކަށް ކަމަށެވެ.
miadhaa hama ah emeehun ge gina meehun nidhaafaai vanee eh edhehgai hatharu fasmeehun, 10x10 kotari ehgai 15 meehun. thibee bandah, maruvanee haanthivegen, eyru emeehunna alhaalaane bayaku nuvi, miadhu ekamah eheetheri kameh dhineemaves eves evee goahakah.
— Thayyib (@thayyib) April 21, 2020
ތައްޔިބު މިހެން ވިދާޅުވި ނަމަވެސް ވިލިވަރު ކަރަންޓީނު ފެސިލިޓީގައި ތިބީ ބްރައިޓް ބްރަދާރސްގެ 48 މުވައްޒަފެއްގެ އިތުރުން ލިލީ އެންޓަރޕްރައިސަސްގެ މުވައްޒަފުންނެވެ، މި ދެ ކުންފުންޏަކީވެސް މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން އަދި ކެއުން ހަމަޖައްސާފައިވާ ދެ ކުންފުންޏެވެ. އަދި ދަތިހާލުގައި މާލޭގައި ދިރިއުޅޭ ބިދޭސީއެއް ކަރަންޓީނު ކުރި ނަމަވެސް އެއީ ހާލަތު ދަށް ތަނެއްގައި އެމީހުން ކަރަންޓީނު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ ބައެއް މީހުން ވަނީ ތައްޔިބަށް ފާޑު ކިޔާފައެވެ.
މި ފެސިލިޓީ ގެ ހާލަތު އާންމުންނާއި ހަމައަށް އައުމުން މިކަމާއި ގުޅިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތު އެފަރާތަށް އެނގިފައިނުވާ ކަމަށެވެ.
އެ ފެސިލިޓީގައި ހުރި މީހަކު މިރޭ ވަނީ އެތަނުގެ ޙާލަތު ވީޑިއޯ އާއި ފޮޓޯއިން ހިއްސާކޮށްފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި އެއީ ވަރަށް އާދައިގެ ގޮތަކަށް ޓިނުން ހަދާފައިވާ ތަނެކެވެ.