ޚަބަރު

ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނުކަތާ ވަރަށް ބަލި ފެތުރިގެން ދިއުން: އަމީން

ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޮވިޑް-19 ފެތުރިގެން ދިއުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ފޯނު މެދުވެރިކޮށް ރާއްޖެ ޓީވީގެ ''60 މިނިޓް'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މި ވަގުތު ހެލްތް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ ޓެސްޓު ކުރުމާއި، ހައި ރިސްކު މީހުން އައިޑެންޓިފައި ކުރުމާއިއެކު ޕްރައިމަރީ ކޮންޓެކްޓް ޓެސްޓު ކުރުމުގެ އިތުރުން އަލާމާތްތައް ހުންނަ މީހުން ޓެސްޓުކޮށް އެ ފަރާތްތައް އައިސޮލޭޓް ކުރުމުގެ މަސައްކަތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހުންނާނެ ކަމަށާއި، އިތުރު ވަސީލަތްތައްވެސް ގާއިމްކުރަމުންދާ ކަމަށެވެ. އެގޮތުން ހުރި ވަސީލަތްތަކާއި ތައްޔާރީ ތަކާއެކު މި ގޮންޖެހުމުން އަރައި ގަތުމަށް ރަނގަޅު މަސައްކަތްތައް ކުރެވޭ ކަމަށް އަމީން ފާހަގަ ކުރެއްވި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހުންނާނެ. އިތުރު ވަސީލަތްތައްވެސް ދަނީ ގާއިމްކުރެވެމުން. ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރިގެން ދިޔުން." މިނިސްޓަރު ވިދާޅުވިއެވެ.

މާލެގައި މިހާރު މިއޮތް ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގައި ހަމަވާއިރު، މިނިސްޓަރު ވިދާޅުވީ، ލޮކްޑައުންއާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެޗްޕީއޭ، ޓެކްނިކަން އެޑްވައިޒަރީ ގްރޫޕްގެ އިތުރުން ކޮވިޑް-19 ޓާސްކް ފޯސްގެ ބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެެވެ.

ގޭގައި މަޑުކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، މީގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ދިމާވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނިކުންނައިރުވެސް ރައްކާތެރިކަމާއި އެކު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!