ޚަބަރު

ދައުލަތް ހިންގަން އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ އެބަ ބޭނުންވޭ: އަމީރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން މަހަށް ސިއްހީ ހިދުމަތަށާއި އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ މިންވަރު ކަށަވަރު ކުރުމަށް ދައުލަތް ހިންގަން އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

އަމީރު ވިދާޅުވެފައި ވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ހުރި ހުރަސްތަކުގެ ތެރޭގައި ލޮކްޑައުންއާ ގުޅިގެން ވިޔަފާރިތައް ހުއްޓިފައި ވުމާއި ވިޔަފާރީތަކުން ދައުލަތަށް ފައިސާ ދެެއްކުމުގައި ދަތިތަކެއް ދިމާވުން ހިމެނޭ ކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.

މި ގޮތުން 4.4 ބިލިއަން ރުފިޔާއާ ހަމައަށް އެއް އަހަރުގެ މުއްދަތަށް ފިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވާޑްރޯ ކުރެވޭ ގޮތަށް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓަރު އަމީރު އެދިވަޑައިގެންނެވި އެވެ. އެއީ ދައުލަތުގެ އެވެރެޖް އާމްދަނީގެ 20 ޕަސެންޓް އެވެ.

އިގްތިސާދީ ޑިމާންޑް ދަށްވެފައިވާ މިދަނޑިވަޅުގައި ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަކީ އިތުރަށް ކަންކަން ގޯސްވާނެ ކަމަކަށްވާތީ ހަރަދު ކުޑަކުރަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތުން ސިއްހީ އަދި ކާރިސާ މެނޭޖް ކުރުމަށް ކުރަންޖެހޭ ހަރަދު އިތުވެފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މިދަނޑިވަޅުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ހަރަދުތައް ފޫބެއްދުމަށް މަރުކަޒީ ސަރުކާރަށް ބަރޯސާވާން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ހިލޭ އެހީއާއި ލޯނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފައިސާ ހޯދުމުގެ މަޝްވަރާތައް ނިމި ފައިސާ ލިބޭ ހިސާބަށް ދިއުމަށް އިތުރު ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށްވެސް ބެލެވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ އިގްތިސާދަށާއި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ ސިނާއަތް ހުއްޓުމާ ގުޅިގެން ސަރުކާރުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދާނެ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!