ޚަބަރު

ރައީސް މައުމޫންގެ ޝުކުރު ބަންގްލަދޭޝް ރައްޔިތުންނަށް

ބަންގްލެދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވެދިން އެހީއަށާއި އެ ގައުމުން ދިން އެހީއަށް ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ޝުކުުރު އަދާ ކުރެއްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަޢުމޫންވަނީ ބަގްލަދޭޝްގެ ބޮޑުވަޒީރަށާއި އެޤައަުމުގެ ރައްޔިތުންނަށް، ދިވެހިންނާ މެދު ބެހެއްޓެވި ގާތްކަމަށްޓަކާ ޝުކުރު ދަންނަވާފައެވެ.

ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ.

މީގެ އިތުރުން ބަންގްލަދޭޝް އިން ވަނީ 100 މެޓްރިކްޓަނުގެ ބޭހާއި ކާބޯތަކެތި ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!