ޚަބަރު

ސަރުކާރުން ގަސްތުގައި ބިދޭސީންނާއި ދިވެހިން ތަފާތެއް ނުކުރާނެ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ބިދޭސީންނާއި ދިވެހިން ގަސްތުގައި ތަފާތުކޮށްފާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަޝީދު މިހެން ވިދާޅުވީ އިންގާރަ ދުވަހު ކަރަންޓީނަށް ގެންދިޔަ ބައެއް މީހުންގެ ތެރެއިން ދިވެހިން ލޯންޗްގައި ގެންދިޔަ މައްސަލަ އެއް ފެންމަތިވުމާ ގުޅިގެންނެވެ. މީގެ އިތުރުން ކަރަންޓީން ކުރުމަށް ބިދޭސީން ވިލިވަރަށް ގެންގޮސް ބޭތިއްބި ތަނުގައި ހާލާމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ނަޝީދު ވިދާޅުވީ ކަރަންޓީނަށް ގެންދިޔަ ބައެއް މީހުންގެ ތެރެއިން ދިވެހިން ލޯންޗްގައި ގެންދިޔަ އިރު ބިދޭސީން ދޯނީގައި ގެންދިއުމަކީ ދެރަކަމެއް ކަމަށާއި، އެކަމަކީ ގަސްތުގައި ކުރި ކަމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބިދޭސީންނަކީ ދިވެހި ގައުމު ބިނާކޮށްދިނުމުގައި އަވަދިނެތި އުޅުނު ބައެއް ކަމަށާއި، ކަމެއް ދިމާވުމުން ދިވެހީންނަށް ލިބުނު އެއްޗެއްގެ އެއްބައި އެ މީހުންނަށް ވެސް ދޭންވާނެ ކަމަށެވެ.

"އަޅުގަނޑު ބޭންކް އޮފް ސިލޯންގެ މެނޭޖަރަށް ދަންނަވަން ބޭނުން ބޭންކް އޮފް ސިލޯން ކަރަންޓީން ކުރި ބޮނޑީގާ ވަރަށް ދެރަގޮތަކަށް ކަންތައްތައް ދިޔައީ. ދިވެހިން ލޯންޗަކަށް އަރުވާފާ، މެނޭޖަރާ ބޭންކް އޮފް ސިލޯނުގެ ބޭރު މީހުން، ދޯންޏެއްގާ މިގެންދިޔައީ މުޅިން އެހެންތަނަކަށް ކަރަންޓީން ކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެފަދަ ކަންކަން ކުރާ އިރު ހަމަހަމަކޮށް ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ސަރުކާރުން ކުރީ ގަސްތުގައި ނޫންކަމަށެވެ. އެގޮތުން ލޯންޗަކާއި ދޯންޏަކާ އޮއްވާ، ކަންދިމާކުރި ގޮތުން އެއްބަޔަކަށް ދޯންޏަށް އެރުނީ ކަމަށާއި އަނެއް ބަޔަކަށް ލޯންޗަށް އެރުނީކަމަށް ނަޝީދު ވިދާޅުވިއެވެ.

"ގަނޑެއް ނުދެކެން ސަރުކާރުން ތަފާތުކޮށްގެނެއް އަޅުގަނޑުމެން ބޭރު މީހުންނާއި އެތެރެ މީހުން ތަފާތުކޮށްގެން ކަންކަން ކުރިއަސް ގެންގޮސްދާނެކަމަކަށް." އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ އެންމެންނަކީވެސް އިންސާނުން ކަމަށާއި އިންސާނިއްޔަތުކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!