އައިއެމްއެފުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރުގެ ލޯނެއް ދޭނީ
ކޮވިޑް-19އާ ގުޅިގެން ރާއްޖޭ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް) އިން 28.9 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
އައިއެމްއެފްގެ ވެބްސައިޓްގައި އިއްޔެ ބުނެފައިވާ ގޮތުގައި ރާއްޖެއަށް ފައިސާ ދޫކުރަން ނިންމީ އައިއެމްއެފްގެ މެމްބަރުގައުމުތަކުގެ ތެރެއިން 30 ގައުމަކުން ކޮވިޑްގެ ގެއްލުމުން އަރައިގަންނަން ހުށަހެޅި ހުށަހެޅުންތައް ގަބޫލުކުރިއިރު، އޭގެ ތެރޭގައި ހިމެނިގެން ކަމަށެވެ.
އައިއެމްއެފުން ބުނީ ކޮވިޑް-19 އާ ހެދި ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓުވުމުން މާލީ ބޮޑެތި ފޫނުބެދުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ހަރުދަނާ ޕްލޭންތަކެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހީ ދޭން ނިންމީ މި ކާރިސާ އިން އަރައިގަތުމަށް ރާއްޖެ އިން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީއަށް އެދުމާ ގުޅިގެން ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އައިއެމްއެފުން ރާއްޖެއަށް ދިނުމަށް ނިންމި 28.9 މިލިއަން ޑޮލަރަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލި ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީއެކެވެ. އާރުސީއެފް އަކީ މެމްބަރު ގައުމުތަކަށް ކުރިމަތިވާ މާލީ ގެއްލުންތަކާ ގުޅިގެން ބެލެންސް އޮފް ޕޭމަންޓް ހަމަޖައްސަން ދަރަންޏަށް ފައިސާ ދޫކުރަން އޮންނަ ފެސިލިޓީ އެކެވެ.
އާރްސީއެފް އިން ލޯނު ދޫކުރަނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ފަސް އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށެވެ.