ޚަބަރު

ވަޒީފާއިން ވަކިކުރި ފަރާތްތަކަށް މަހަކު 5000 ރުފިޔާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ފަރާތްތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުއެވެ.

Ads by Sosun Fihaara

މި ދުވަސްވަރު ކޮވިޑް19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެހީތެރިވުމަށް، ތިން މަސް ދުވަހުގެ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

"އޭގެ ތެރޭގައި މިހާރު އަޅުގަނޑުމެން ނިންމާފައި ވާނީ މަހެއްގެ މައްޗަށް 5000 ރުފިޔާ އެގޮތަށް ތިން މަހަށް، އޭޕްރީލް، މޭ، ޖޫން އާ ހިސާބަށް ދޭން. ދެން ކުރިއަށް އޮތް ތަނުގައި ހާލަތަށް ރިއާޔަތްކޮށް، ހާލަތު ރިވިއުކޮށް، ފައިސާ ހޯދާނެ ގޮތްގޮތް ހޯދައިގެން އެކަންކަން ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންވެސް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ވެސް ސަރުކާރުން ވަނީ އެދިފައެވެ. އެގޮތުން ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކޮށްފައިވާ 1300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އެކުލަވާލާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއްގެ ދަށުން، ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަށަން ތައްޔާރުވެފައިވާކަން ވެސް މިނިސްޓަރު ވަނީ ހާމަކުރެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!