ޚަބަރު

ކޮވިޑް19 ގެ ނުރައްކާތެރިކަމުން ސަލާމަތް ކުރެއްވުމަށް ރޯދަ މަހު ދުއާ ކުރައްވާ - ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އިގެ ނުރައްކާތެރިކަމުން ސަލާމަތް ކުރެއްވުން އެދި ދުއާ ކުރުމުގައި ރޯދަ މަހުގެ ދުވަސްތައް ހޭދަކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރައީސް މިހެން ވިދާޅުވީ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ގެ ވާހަކަފުޅުގައި އަހަރުގެ ރޯދަ މަސް ބައްދަލު ކުރީ މިއިން ޒަމާނެއްގައި ވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިވެފައިވާ ހާލަތެއްގައި ކަން ފާހަގަ ކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި އަހަރެމެންނާއި ރޯދަ މަސް ބައްދަލު ކުރުމަކީ މި ނުރައްކާތެރި ބަލިމަޑު ކަމުން އަރައިގަތުމަށް މާތްﷲ މެދުވެރި ކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރޯދަ މަހަކީ އަޅުކަމުގެ މަހެއް ކަން ފާހަގަ ކުރައްވައި ގުރުއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އެހެން މީހުނަށް ދީލަތިވުމާއި އެހީ ފޯރުވުމުގައި ދެމިތިބުމަށް ރައީސް ގޮވާލެއްވިއެވެ.

"މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲ އަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި. ގޭގައި ތިބެގެން ވެސް ފަރުލު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު. ކީރިތި ގުރުއާން ކިޔެވުން އިތުރުކޮށް، ތަރާވީހް ނަމާދު ކުރުމަށާއި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ހަލުރަތުގައި ދުއާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ގެ ވާހަކައިގައި މުޅި ދުނިޔޭގެ އިގްތިސޯދު ދަށްވެ އެކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނާ އެ ނޫން ހާލަތްތަކުގައި ވެސް ތިބި އެތައް ބަޔަކު ރާއްޖޭގައި ވެސް އެބަ ތިބި ކަން ފާހަގަ ކުރައްވައި ރައީސް މި ބަރަކާތްތެރި މައްސަރުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެދުމަށް ވެސް ރައިސް ވަނީ އިލްތިމާސް ކުރއްވާފައެވެ.

ރައީސް ގެ ވާހަކަފުޅު ގައި ކޮވިޑް19 އިން އަރައިގަތުމަށް ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ހަމަ އެހެންމެ ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު ދަތިކަން ތަހައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމު ކަމަށާއި މި މަސައްކަތް ކާމިޔާބު ކުރުމަށް ރައްޔިތުންގެ އެހީ ނިހާޔަތަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!