ޚަބަރު

މިހާތަނަށް 124 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ހާލުގައިޖެހި، މަގުމަތިވި 124 މީހަކަށް މިހާތަނަށް ސަރުކާރުން ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް 124 މީހަކަށް ވަނީ ބޯހިޔާވަހިކަން ހޯދައިދީފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން މާލެ އައިސް ތާށިވި މީހުންނާއި، ޖަލުން ދޫކޮށްލި ބައެއް މީހުންނާއި ކުލި ނުދެއްކިގެން ނެރުނު މީހުންނާއި، ބޭސްފަރުވާ އަށް މާލެ އައިސް ހާލުގައި ޖެހުނު މީހުންނާއި، ޑްރަގްސްގެ ވަބާގައި ޖެހިފައި ތިބި މީހުންނާއި މަގުމަތީގައި އުޅެން ޖެހިފައިވާ ބައެއް މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި މީހުންނަށް ތިބޭނެ ތަންތަނާއި ކާބޯތަކެތި އަދި ޓޮއިލެޓްރީޒް، ސާފުތާހިރުވާން ބޭނުންވާ ތަކެތި ފޯރުކޮށްދީފައިިވޭ،" މަބްރޫކް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ އަންނައުނު ވެސް ހޯދައިދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ އާދައިގެ މީހާއަށް ވެސް މިދަނީ ކުރަމުންނެވެ. އެގޮތުން މާލޭގައި ކުލި ނުދެއްކޭތީ ގެއިން ނުކުންނަން ޖެހޭ ބައެއް ފަރާތްތަކަށް ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޖެންޑާ މީނިސްޓްރީން އެފަރާތްތައް ވަގުތީ ބޯހިޔާ ވަހިކަމަށް ގެންގޮސް ކެއުންބުއިމާއި އެ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތީ ވެސް އަންނަނީ ފޯރުކޮށް ދެމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!