މުނިފޫހިފިލުވުން

ކުރުވާހަކަ: އިލްޒާމަކުން

ދެން އެމްވީ ، ދެން އޮންލައިން

ތުނޑިއަށް ދާން އޮންނަ މަގުގެ ކަނާތް ފަރާތުން ހުރި ދިގު ރުކެއްގެ ކުރީގައި ބިދޭސީ މީހަކު އޮތެވެ. އަވަސް ހަރަކާތްތަކާއެކު ކާށި އިހަލެއް ކަނޑާ ބިމަށް ވައްޓާލާފައި ބިދޭސީ މީހާ ރުކުން ފަރިތަ ކަމާއެކު ފައިބަން ފަށައިފިއެވެ. މޮޅިވެރި ކަމާއެކު ނިތްކުރިމަތިން އަތް އަޅާލައި ލޮލަށް ހިޔާކޮށްލައިގެން އާދަނު އެދިމާލަށް ބަލަން ހުއްޓެވެ. އުމުރުން 80 އަހަރާ ގާތްވެފައިވާ އާދަނަކީ ލޯބޯ ފިއްސައިގެން ފަސް ދަރިން ބަލާބޮޑުކުރި ބަފައެކެވެ. އެއްއިރަކު އެންމެ ކުރާ ހިތުން އާދަނު ކުރި މަސައްކަތަކީ ރުއް އެރުމެވެ. ލޯބިވާ އަނބިގޮއްޔެ ނިޔާވިތާ 15 އަހަރު ވެފައިވާއިރު އެހަނދާންތަކާ އާދަނު ދުރުކޮށްދީ އެކަނިވެރިކަން ފިލުވައި ދެނީ ގޭތެރޭގައި އުޅޭ ކާފަ ކިޔާ ތިން ކުދިންނެވެ. ބަލިކަށިވެ މިއަދު ހަމުގައި ރޫޖެހި، އަސާގެ އެހީގައި ހިނގައި ބިނގައިވެ އުޅެން ޖެހުނަސް އާދަނަކީވެސް އެއް އިރެއްގައި ގައިގައި ހަކަތަ ހުރި މީހެވެ.

Ads by STELCO

ރުކުން ފައިބައި ބިދޭސީ މީހާ ހުރިހައި ކާއްޓެއް ބަރޮލަށް އަޅައިގެން ގެއަށް ދިއުމަށް ހިނގައިގެންފިއެވެ. ދިރުމެއްނެތި ފަޅުކަންވެރިވެ، ފެނުން ބަލިކަށިވެފައިވާ ދެލޮލުން ބިދޭސީ މީހާ ދާތަން ބަލަން އާދަނު ހުއްޓިލައިގެން ހުރީ ހަމަހިމޭން ކަމާއެކުގައެވެ. ވަލު މަގު ހުރަސްކޮށް ބިދޭސީމީހާއަށް ނުކުމެވުނީ ދެ ފުލުހެއްގެ ކުރިމައްޗަށެވެ. "މީނަ ދެކުނިންތަ؟" ފޯނުން ފޮޓޯއެއް ދައްކާލާފައި ނިހާނު ސުވާލު ކޮށްލިއެވެ. ޖަވާބު ދިނުމުގެ ގޮތުން އަވަސް އަވަހަށް ބިދޭސީ މީހާ ބޯ ޖަހާލައި އާދަނު ދިޔަދިމާއަށް އިޝާރާތް ކޮށްލިއެވެ.

ދެ ފުލުހުން މަގު ހުރި ގޮތަށް ތުނޑިއަށް ފޭބިއިރު ދޮންވެލިގަނޑު މަތީ ސަޖިދައަކަށް ތިރިވެ އާދަނު އޮތެވެ. އިރު އޮއްސި ދުނިޔެމަތި އަދިރިވަމުން ދިޔަ އެވަގުތު މަރުފަދަ ހިމޭންކަން ވެރިވެފައިވާ އެ މާހައުލުގައި އާދަނު ނޫނީ ދިރުމެއްނެތެވެ.

"އެރި އިރާ އެކު ތިން އަހަރު ނުވާ ކާފަ ދަރިއާ ބެހިފަ މިހާރު ދެން ކޮން ސަޖިދައެއް ކުރާކަށް." އެކަކު އަނެކަކަށް ބުނެ ދެ ފުލުހުން ހިނގައިގަތީ އެދިމާލަށެވެ.

"އާދަންބެގެ ގޮތެއް ނޭނގެ. އެކަމަކު ފަރީ އެއީ ދޮގުހަދަން ކުޅަދާނަ އަންހެނެއް" ނިހާނު ބުނެލިއެވެ.

"މުސްކުޅި ވީވީހެން މިމީހުންގެ ވަހުޝީކަން ވަނީ ބޮޑު. ނުކުރާނެއެކޭ މަށެއް ނުބުނާނަން. އެކަމަކު ކަލެއަށް ބޮޑަށް އެނގޭނީ ފަރީގެ ގޮތް. ކަލޭ ވިއްޔާ އޭނަ ސައިކަލު ފަހަތަށް ލައިގެން ދުއްވީ. ދެން ފެނުނީ އާދަންބެގެ މޫސަޔާ ކައިވެނި ކުރިތަން"

"ކަލޭ ހުންނަނީ ފުރުސަތެއް ނުލިބިފަދޯ މަށާ ދިމާ ކުރަން. 4 އަހަރު ކުރީގެ ކަމެކޭ އެއީ" ނިހާނު ދެފަރާތަށް ބޯ ހޫރުވާލިއެވެ.

ދެމީހުން އެކުގައި ގޮސް މަޑުކޮށްލީ އާދަނާ ހައެއްކަ ފޫޓް ދުރުގައެވެ. އާދަނު ތެދުވާނެ އިރެއްގެ އިންތިޒާރުގައި ދެމީހުން މަޑުކޮށްލައިގެން ތިބި އިރު ހިމޭންކަމާއެކު އާދަނު އޮތެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ މިނެޓެއްހާއިރު ވެގެން ދިޔަ އިރުވެސް އާދަނު ހިރި ނުލުމުންނެވެ. ކަމެއް ވެއްޖެހެން ހީވުމުން ނިހާނު އާދަނާއި ކައިރިއަށް ޖެހިލަމުން އާދަނުގެ ކޮނޑުގައި ހިފާލީ އާދަންބެއޭ ކިޔައި ގޮވާލަމުންނެވެ. އެވަގުތު އެއްފަރާތަކަށް އަރިއަޅާލައި އާދަނު ވެއްޓިއްޖެއެވެ. ދެލޯ މެރި ހިމޭންވެފައި އޮތްއިރު އާދަނުގެ ލޮލުން ފައިބައިފައިވާ ކަރުނަ އަދިވެސް ލޮލުން ނުހިކެއެވެ. އާދަނުގެ ނޭވާ ހިނގާތޯ އަވަސް އަވަހަށް ނިހާންއަށް އޭނާގެއިގިލި އާދަނުގެ ނޭފަތާ ކައިރި ކޮއްލެވުނެވެ.

" މަރުވެފަތަ؟ "

" އާނ ނޭވައެއް ނުލާ" ނިހާނުގެ އަޑަށް ވެރިވެފައިވީ ހާސްކަމުގެ އަސަރެވެ. އައްމަޑޭވެސް ބަލަން ނުހުރެ އާދަނާއި ގާތަށް ޖެހިލިއެވެ.

ލަސްތަކެއްނުވެ އެމްބިއުލެންސްގައި އާދަނު ހޮސްޕިޓަލަށް ގެންދެވުނެވެ. ދެމީހުނަށް ހީވީ ރަނގަޅަށެވެ. ސަޖިދައިގައި އޮވެ އާދަނު އެވަނީ މި ކެހިވެރި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. ހިކިފަތެއްގައި ރޯވި ހުޅުކޮޅެއްހެން މުޅި ރަށުތެރެއަށް އެވާހަކަ ފެތުރި އާދަނު ދަންނަހާ ބަޔަކު ހޮސްޕިޓަލު ކައިރިއަށް އެއްވާން ފަށައިފިއެވެ.

"އެފަކީރު ބޮލުގަ އެޅުވީ ކިހާބޮޑު އިލްޒާމެއްތަ. ހިތްފަޅައިގެން ނުދިޔައިއްޔާ ދެރައެއްނު". "އެހެންޏާފަހެ މިއަދުތަ އާދަނު ކުޑަކުދިންނާ ބެހެންވީ. އޭނައަކީ ކުދިންނާ ނުލާހިކު އޮޅު ރަނގަޅު މީހެއް. ބެހެންޏާ ބެހެންވީނު މި ވީހާ ދުވަހުވެސް" ހޮސްޕިޓަލު ދޮށަށް އެއްވެފައި ތިބިހާ ބައެއްގެ ދުލުކުރިން އިވެމުން ދިޔައީ މިކަހަލަ ވާހަކަތަކެވެ.

އާދަނަށްޓަކައި ރަހުމާ ކުލުނުން އެތައް ބައެއްގެ ލޯތަށް ވަނީ ތެމިފައެވެ. ކަރުނައިގެ އަސަރެއް ފެންނަން ނެތީ އައިސް ތިބި އާދަނުގެ ދެދަރިންގެ ލޮލުންނެވެ.

"ކަލެއަށް ފެނޭތަ ފަރީ ހާސްވެފަ ހުރިވަރު" އައްމަޑޭ ދަނޑިވަޅު ބަލައި ނިހާނު ކޮނޑުގައި ކޮއްޓާލިއެވެ.

ފަރީ އުޅެމުން ދިޔަ ގޮތް ނިހާނަށްވެސް އެބަ ފެނެއެވެ. މޫސަ ކައިރީގައި އޭނަ ހުރިއިރު މިއަދު ހެނދުނު އާދަނު ބެހުނުކަމަށް އެމީހުން ބުނާ އާދަނުގެ ކާފަ ދަރި ، ފަރީގެ ކިހިލީގައި އިނެވެ.

"ކަލޭމެން ނަޔަސް އަހަރެމެންނަށް ބައްޕަ ވަޅުލެވޭނެ. މިވީހާ ދުވަހުވެސް އަހަރެމެން ބައްޕަ މިބެލީ. ބައްޕަ ޑޮކްޓަރަށް ދައްކާލަން މާލެ ފޮނުވަންތޯ އަހާލީމަވެސް ކަލޭމެންގެ ގެޔަކުން އެންމެ ހަފްތާއަކު ބައްޕަ މަޑުކޮށްލައިގެން ހުންނާނެ ޖާގަ ނުދެއްކުނު. ދެން މިހާރު ދެއްކެން އުޅޭނެ ކަމެއްނެތް" ސާމީ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ކޮންފަރެންސް ހަދައި ދެންތިބި ތިން އަންހެނުންނާ އެކުގައެވެ. އެކޮޅުން ދެއްކި ވާހަކަ އަޑު ނީވުނެއްކަމަކު ސާމީގެ ވާހަކަ ، ކައިރީގައި ތިބި ގިނަ ބަޔަކަށް އިވުނެވެ. ސާމީގެ މަގުސަދަކީވެސް މީހުނަށް އަޑު އިއްވުން ކަހަލައެވެ.

"ކަލޭ ވަރަށް ރީތި ތިވާހަކަ ދައްކަން" ސާމީ ފޯނު ކަނޑާލުމާއިއެކު އަސާގަނޑު ވިއްދަމުން ހުސޭނު އައިސް ހުއްޓުނީ ސާމީ ކުރިމަތީގައެވެ. އާދަނު އުމުރު ފުރާގެ ހުސޭނަކީ ކުޑައިރުއްސުރެން އާދަނުގެ އެކުވެރިއެކެވެ. އާދަނު ދިރިއުޅުމުގެ މުހިއްމު އެތައް ވާހަކައެއް ހިއްސާ ކުރާ މިތުރެކެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ ސާމީއާއި ހުސޭނަށެވެ. އާދަނުގެ މަރުގެ ހަބަރުން ހުސޭނަށް ވަނީ ފުން އަސަރެއް ކޮށްފައެވެ.

"ކަލޭއެއް ނޫންތަ ކިޔަވަން ހުރި ކުއްޖާއަށް އާދަނު ފައިސާކޮޅެއް ފޮނުވައިގެން އާދަނު ގައިގަ ޖެހީ" ހުސޭނު ސާމީގެ މޫނަށް އަސާގަނޑު ދިއްކޮށްލާފައި އަޑުބާރުކޮށްލިއެވެ. ބަލަން ތިބި އެތަށް ބައެއްގެ ކުރިމަތީ އެވަރުގެ ބޭޒާރެއް ވެގެން ދިޔުމުން ސާމީގެ ނިތްކުރިމަތިން ހުރީ އޮށްދާ ހިއްލާލާފައެވެ. "އަހަރެން....".

"ޒުވާބު ކުރަންވީ ވަގުތެއްނޫން މީ. ބައްޕަ ގެއަށް ގެންގޮސް ވަޅުލުމުގެ ކަންތަކާއުޅެމާ ހިނގާ" މޫސަ ސާމީގެ ވާހަކަ މެދުކަނޑާލައި ސާމީ ގޮވައިގެން ހޮސްޕިޓަލު ތެރެއަށް ވަނުމަށް ހިނގައިގަތެވެ.

"ކަލޭމެން ފަސްދަރިން ބޮޑުކުރަން އާދަނު ނުކުރަނީ ކީތް؟ ރުއްއަރައި، ކަނޑުފަޅަށް ގޮސްގެން އާދަނު ކަލޭމެން ބޮޑެތި ކޮށްފަ ތިތިބީ. އާދަނު މިހާރުތަ ކަލޭމެންގެ ދަރިންގެ ގަޔަށް އަރަންވީ. ބަލަ ކަލޭމެންގެ އަމާ ބައްޔެއްވި ކޮންމެ ދުވަހަކު ތިން އަންހެން ދަރިން ދޮއްވައި ސާފުކުރީ އެ އާދަނުގެ ދެއަތުން" ހުސޭނު ހުއްޓައެއް ނުލިއެވެ. އެހިތަށް ކޮށްފައިވާ އަސަރުން ހުސޭނަށް ވަނީ ރޮވިފައެވެ. "އަހާބަލަ. ކަލޭގެ އަނބިމީހާ ކައިރީގަ އާދަނު ކިތައް ފަހަރު ބުނިތޯ ކުޑަ މަންޖެ ނެޕީގަނޑު ބަދަލު ކޮށްދެން. ސީލައިގެން ދެފައިވަޅުން ފައިބަންފެށީމަ އާދަނު ނެޕީ ބަދަލުކުރަން އުޅުނީ. ދެފައި ދަމާފަ ނިދަން ކަލޭގެ އަނބިމީހާ އޮތީ. އެކަމަކު ކަލޭމެންނަށް ފެނުނީ އެމަންޖެ އޮރިޔާން ކޮށްގެން އާދަނު އުޅުނުތަން" ހުސޭނު ރޮމުން އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނީ ކޮޅަށް ހުންނާނެ ބާރުވެސް ފައިގައި އެވަގުތު ނެތުމުންނެވެ.

ހުސޭނުގެ ވާހަކައިން އެއްވެފައި ތިބި މީހުންގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އާދަނަކީ ހިތްހެޔޮ ރަނގަޅު މީހެކެވެ. މިއަދު ހެނދުނު އާދަނަށް ބަދުބަސް ބުނި މީހުން މިހާރު ތިބީ ލަދުން އިސްޖެހި ލޮލުން ކަރުނަ ހިލިފައެވެ. މޫސައަށް ފަރީގެ މޫނަށް ބަލައިނުލައި ނުހުރެވުނެވެ. މޫސަ ބަލާލުމުން ފަރީ މޫނު އަނބުރާލީ މޫސައާއި ހަތަރު ކަޅި ހަމަކުރަން ނުކެރި ޖެހިލުންވެ ހުރެއެވެ.

"ލަތީފާ ނިޔާވިފަހުން ކަލޭމެން ތިކުރަނީ ތިމަސައްކަތް. ބައްޕަ ބަލަން ޖެހޭނީ ކަލޭއޭ. މިގޭގަ އެންމެ ބޮޑީ ކަލޭއޭ. ކަލޭ ގެންދާށޭ ދެން ބައްޕަ. ކަލޭދެކެ ނޫންހޭ އެންމެ ލޯބިވަނީ ބައްޕަ. ކަލޭއަށް ނޫންހޭ ސަރުކާރުން ލިބޭ ލާރިގަނޑު ދެނީ. ހޮޓާތަކުން ކާލައިގެން ގޭގަ ނުކައްކައި ކަލޭމެން ތިބެނީ އާދަނު ކާން ދާއިރު. ބޭބެ ކައިރިއަށް އައިސް ދެލޮލުން ކަރުނަ އަޅާ ރޮމުން އާދަނު ބޭބެއަށް މިވާހަކަތަށް ކޮންމެ ދުވަހަކު ކިޔައިދެނީ. އެ މުސްކުޅި ބަފަޔަށް ކަލޭމެން ނުޖައްސަނީ ކޮން ހާލެއް. އާދަނު ކާފަ ކުދިން ގައިގަ ލޯބިން އަތްލާތީ ފަކުރުން ސާމީ ކަލޭގެ އަނބިމީހާ ގެއިން ނުކުތީ". ހުސޭނު ގޮވަމުން ދިޔަ ފަތިވަރު ހުއްޓާލީ އޭނަގެ ދަރިއަކު އައިސް ހުސޭނު ކޮނޑުގައި އަތްޖަހާލުމުންނެވެ.

"ތި ވާހަކަ ދެން ނުދައްކާ. ބައްޕަ ހިތްވަރުކުރަން ޖެހޭނެ. އާދަންބެ ބޭނުމެއް ނުވާނެ އޭނަ ނެތް ދުނިޔެއެއްގައިވެސް އޭނަގެ ދަރިން ފަޟީހަތް ވާކަށް." ރުސްދީގެ އެހީތެރިކަމާއިއެކު ހުސޭން ކޮޅަށް ތެދުވެއްޖެއެވެ. ދިޔުމުގެ ކުރިން ދެންވެސް ހުސޭނު ބަލާލީ ހޮސްޕިޓަލު ދޮރާ ދިމާލަށެވެ. "ކަލޭމެން ގަސްދުގައި އާދަނު މަރާލީ. އެފަކީރު ބޮލުގަ އެޅުވި ނުބައިކަމުގެ ހިތި ކަލޭމެނަށް ފެންނާނޭ. ކަލޭމެން ކަހަލަ ދަރިން ލިބުނު ކޮންމެ ބަފަޔަކު ނިމިގެން ދާނީ ހިތްފަޅައިގެން ގޮސްގެން". ފެންނަން ނެތަސް ހުސޭނު އެއްޗެހި ގޮވީ މޫސައާއި ސާމީއަށެވެ.

މިއަދު ރަށުގެ ރައްޔިތުންގެ ކުރިމަތީ ލަދުން އިސްނަގަން ނުކެރިފައި ދެމީހުން ތިބިއިރު ފަރީ މިހާރު ފެންނަންވެސް ނެތެވެ. ރޮމުން ދިޔަ ހުސޭން ގޮވައިގެން ރުސްދީ އެތަނުން ދުރަށް ދިޔުމުން ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެވެ. ކުއްލިއަކަށް މޫސަ އެތަނުން ނުކުންނަން ހިނގައިގެންފިއެވެ. މޫސައަށް ފަރީ ފެނުނީ ގެއާ ދިމާލަށް ދަނިކޮށެވެ. ބާރަށް ހިނގާފައި ގޮސް މޫސަ ފަރީ ކުރިމައްޗަށް އަރައިފިއެވެ.

"ކަލޭ ނުބުނަންތަ މަކައިރީގަ ޝުހާއަށް ބައްޕަ ހަދަން ހުރި ގޮތުގެ ވާހަކަ. މިފަހަރު ރަނގަޅަށް ބުނޭ. ހުސޭނުބެ އެދެއްކީ ތެދުވާހަކަތަ؟ " މޫސައަށް ކޮށްފައިވާ އަސަރުން މޫސަ ތުރުތުރު އަޅަމުން ދިޔައެވެ.

"އަހަންނަށް މާފުކުރޭ. އަހަރެން ހީނުކުރަން ބައްޕަ...." ފަރީ ރޮމުން ތިރިވީ މޫސަ ފައިދަށަށެވެ. މޫސަގެ ހިތް ކުދިކުދިވި ކަހަލައެވެ. ފަރީގެ އެއް އަތުހިފައި ނަގައި ކޮޅަށް ޖަހައިފިއެވެ.

"މަގޭ ބައްޕައޭ އެއީ. ކަލޭއަށް ...."

"އެއީ ކަލޭ ބައްޕަކަން ތި ފަހުމުވީ މަރުވީމަތަ؟" ބޮޑުދައިތަގެ އަޑަށް މޫސަ އަދި ފަރީވެސް ބަލައިލިއެވެ. ދެމީހުނާ ދިމާލަށް ބަލަންހުރި ބޮޑުދައިތަގެ ދެލޯވަނީ ރޮއެރޮއެ އަވަދިވެފައެވެ.

"މިއޮތީ ކަލޭމެން ބޭނުންވި ގޮތްވެފަ. ދެން ޅިޔަނު ނާންނާނެ ކަލޭމެނަށް އުނދަގޫކުރާކަށް." ބޮޑުދައިތަ ކުރިމަތީ އިސްޖަހައިގެން މޫސަ ހުރިއިރު ހިފެހެއްޓުމެއްނެތި އެ ދެލޮލުން ދިޔައީ ކަރުނަ ފައިބަމުންނެވެ.

"ބޮޑުދައިތަ މިތަނަށް މިއައީ ޅިޔަނު ހިނަވަން ތިގެއަށް ނުގެންދާނެ ވާހަކަ ބުނަން. އަހަރެން ޅިޔަނަށް ކާންދިނީ. އެހެންވީމަ ހިނަވައި ކަފުންވެސް ކުރާނީ އަހަރެންގެ ގޭގަ". ބޮޑުދައިތަ އިތުރަށް މަޑުކުރުމެއްނެތި އެތަނުން ހިނގައްޖެއެވެ.

ފަރީ މޫސަ ކޮނޑުގައި ހިފާލީ އާދޭހާ އެކުގައެވެ. " މޫސަ އަ...".

"ވަރިކޮށްފަ ތިހުރީ. ކަލެއާ އެކު ދިރިއުޅޭހާ ހިނދަކު ކަލޭ ތިކުރި ނުބައިކަންތައް އަހަރެންގެ ހިތުން ފިލާ ނުދާނެ" ފަރީގެ އަތް ހޫރާލާފައި މޫސަ ހިނގައިގެންފިއެވެ. ދަރިފުޅު ގައިގައި ބައްދާލައިގެން ރޯން ހުރުން ނޫންކަމެއް ފަރީއަށް ނުކުރެވުނެވެ.

ބޮޑުދައިތަ ބުނިހެން އާދަނުގެ ކަށުކަމާކެމީގެ ކަންކަން ނިންމީ ބޮޑުދައިތަގެ ހަރަދުގައި ބޮޑުދައިތަގެ ގޭގައެވެ. ފަތިސް ނަމާދަށްފަހު އާދަނު ވަޅުލައި އެންމެން ގެއަށް ހިނގައްޖެއެވެ. މަހާނަ ކައިރީ ކޮޅަށް ޖެހިފައި ތިބީ އާދަނުގެ ދެ ފިރިހެން ދަރިންކަމަށްވާ މޫސަ އާއި ސާމީއެވެ. އެމަންޒަރު ދެކެން ނިހާންއާއި އައްމަޑޭ ގަބުރުސްތާނުގެ އިންފާރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.

"އެންމެ މީހަކު ހޭބޯ ނާރާއި މަސައްކަތް ކޮށްގެން ހަތަރު ފަސްދަރިން ބޮޑުކުރާނީ ހާދަ އުއްމީދުތަކަކާއިވެސް އެކުގައޭ. އެކަމަކު އެދަރިންގެ އަޅާލުން ބޭނުންވީ ދުވަހު މިހިރީ ކޮށްލާފައި ހުންނަ ވަރު. ހާރޓްއެޓޭކެއް ޖެހިގެން އާދަންބެ ނިމިގެން އެދިޔައީ. ދެން މިހާރު ކޮން ހިތާމައެއް ކުރާކަށް." އައްމަޑޭގެ ވާހަކައަށް ނިހާނު ދެފަރާތަށް ބޯ ހޫރާލީ ފުން ނޭވައެއް ދޫކޮށްލަމުންނެވެ.

"އެމީހުން ހިތާމަ އެކުރަނީ އާދަންބެ މަރުވެގެނެއް ނޫން. ހުރިހާ ކަމެއް ފަޅާއެރީމަ ލަދުން އެމީހުން އެރޮނީ. ބަފައިމީހާއަށް އެމީހުންގެ ލޯތްބާ ކުލުނު ހުރިނަމަ މިއަދު އާދަންބެ މަހާނަކައިރީ ލަދުން އިސްޖެހިފައި ތިބެން ނުޖެހުނީސް. ފަރީ މަށަށް ބޭވަފާތެރިވިކަން އެއީ ހަމަ މަގޭ ނަސީބު" ނިހާނު އިތުރަށް ބުނެލިއެވެ. އެކަމާ އެއްބަސްވެ އައްމަޑޭ ނިހާނު ކޮނޑުގައި ޖަހާލިއެވެ. އެއަށް ފަހު އެންމެ ފަހު ފަހަރަކަށް އާދަންބެގެ މަހާނައަށް ބަލާލިއެވެ. ނިހާނު މަގު އޮތްގޮތަށް ކުރިއަށް ސައިކަލް ދުއްވާލި އާދަންބެގެ ދަރިން މިއަދު އެކުޅޭ ޑުރާމާ އިތުރަށް ބަލަން ބޭނުން ނުވާތީއެވެ.

ދުނިޔެއަކީ މިކަހަލަ ތަނެކެވެ. އެމީހަކު ފަސްދަށަށް ދާނީ ދައްކަވަންހުރި ތަނެއްގެ ހިތި އަދި ފޮނި ރަހަ ލިބިގަތުމަށް ފަހުގައެވެ. ހެނދުނު އާދާނުގެ ބޮލުގައި އެޅިގެން ދިޔަ އިލްޒާމުގެ ހިތިރަހަ ކެނޑި އެންމެންގެ ލޮލުގައި އެޅުނު ކަށި ފަރުދާ އެއްފަރާތް ވެގެން ދިޔައިރު އާދަނު މިވަނީ މި ކެހިވެރި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އާދަނު ގެއިން ނެރެލައިގެން އުފަލުގައި ހިތްހަމަ ޖެހިގެން އުޅެވޭނެ ނަމަ ދެން އެ ދަރިންނަށް އުނދަގޫ ކުރާކަށް އާދަނެއް އަދި ލަތީފާއެއްވެސް ނާންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!