މާލެ ލޮކްޑައުން ކުރިކަމެއް ނޭނގޭ، ބޯޓު ފުރީ ލޮކްޑައުންކުރި ފަހުން: އަމާޒު ބޯޓުގެ ވެރިޔާ
މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ރަށް ލޮކްޑައުން ކުރި ނަމަވެސް އެކަން ނޭނގޭ ކަމަށާއި ބޯޓު ފުރީ ލޮކްޑައުންކުރި ފަހުން ކަމަށް "އަމާޒު" ބޯޓުގެ ވެރިޔާ ބުނެފިއެވެ.
މާލެ ލޮކްޑައުން ކޮށްފައި ވަނީ އެޕްރީލް 15 ވަނަ ދުވަހުގެ މެންދުރު 2:30 އިން ފެށިގެންނެވެ.
އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ފައްސިވުމާ ގުޅިގެން އެ ބޯޓް ދަތުރުކުރި އުތުރުގެ ތިން އަތޮޅެއްގެ 13 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން އެ ކޭސްއާ ގުޅުންހުރި 101 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަމާޒު ބޯޓުގެ ވެރިޔާ މުހައްމަދު ސަލީމް، "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ އެ މީހުން ފުރައިގެން ދިޔައީ ލޮކްޑައުން ކުރި ދުވަހުގެ މެންދުރު 2:50 ގައި ކަމަށާއި ބޯޓު ފުރީ ވެސް ނޯތު ހާބަރުގައި އޮންނާތީ ދައްކަން ޖެހޭ ފީ އެމްޕީއެލްގެ އޮފީހަށް ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި ފުރައިގެންދާކަން ވެސް އެމްޕީއެލް އަށް އެންގި ކަމަށް ސަލީމް ބުންޏެވެ.
"ލޮކްޑައުންގެ ވާހަކަތަކެއް އުޅޭތީ އޮފީހުން ވެސް ބައެއް ތަންތަނަށް ގުޅައި ބެލި. ނުބުނޭ ލޮކްޑައުންގެ ވާހަކައެއް. އަދި ނުފުރޭނެ ވާހަކައެއް ވެސް،" އެ ދުވަހު ބޯޓުން ދަތުރު ކުރި ސަލީމް ބުންޏެވެ.
ސަލީމް ބުނީ ކެޕްޓަން ހުންނަ ވީލް ހައުސްގެ ތެރެއަށް މީހުން ވަދެ އުޅުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ކެޕްޓަން ވެސް ބޭނުން ކުރަނީ އާންމުން ބޭނުން ކުރާ ފާޚާނާ ކަމަށް ވެސް ސަލީމް ބުންޏެވެ. އަދި އޭގެ އިތުރުން ކެޕްޓަން ކައި އުޅުނީ ވެސް އެހެން މީހުންނާއެކުގައި ކަމަށް ބުންޏެވެ.
ސަލީމް ބުނީ ބޯޓުގެ ކެޕްޓަނަށް ކޮވިޑް ޖެހުނީ ބާޒާރުމަތިން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން އެއްވެސް ގޮތަކަށް ޔަގީނެއް ނޫން ކަމަށެވެ.
ކެޕްޓަން ފައްސިވިކަން އެނގުނީ މާލެއިން ދިޔަތާ ދެ ދުވަހެއްގެ ތެރޭގައި، ވަރަށް ގަދަޔަށް ހުން އައިސްގެން ނަރުދޫ ސިއްހީ މަރުކަޒަށް ދައްކައި އޭނާގެ އެދުމުގެ މަތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ.
ކެޕްޓަންގެ އިތުރުން ނަރުދޫއިން އިތުރު ހަ މީހަކު މިއަދު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ފައްސިވި ހަ މީހުންނަކީވެސް އެ ރަށު ރައްޔިތުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުންގެ ތެރޭގައި ބޯޓު ކެޕްޓަންގެ އާއިލާ މީހުން ވެސް ހިމެނެއެވެ.