ޚަބަރު

އަކްރަމްގެ ދިގު ޕޯސްޓެއް؛ "ގެދޮރުވެރިޔާ ސްކީމް އޮޅުންބޮޅުން ކޮށްލައިފި"

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޞާލިހުގެ ސަރުކާރުގައި އެކުލަވައިލި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން

ގެދޮރުވެރިޔާގެ ސްކީމާ ގުޅޭ ގޮތުން ނުތަނަވަސްކަން އުފެދޭ ގޮތަށް ސަރުކާރުން  މައުލޫމާތު ފަތުރަމުންދާ ކަމަށް ހައުސިންގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ތުހުމަތު ކުރައްވައިފި އެވެ.

Ads by STELCO

2023 ވަނަ  އަހަރު ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން 4000 ފްލެޓު ދޫކުރާއިރު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭނީ 76އަކުން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރު ނަގައިގެން ނެވެ. އަދި އެފަރާތްތަކަށް ފްލެޓު ކަނޑައެޅުމަށް ފަހު 75އިން މަތިން މާކްސް ލިބުފައިވާ ފަރާތްތަކުގެ މެދުގައި ބާކީ ފްލެޓުތައް ދޭން ގުރުއަތު ނަގާނެ އެވެ.

އެހެން ނަަމަވެސް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހު ކުރިއަށް ދިޔަ ގުރުއަތުގައި 76 އަކުން މަތި ލިބުނު ބައެއް ފަރާތްތަކުން ގުރުއަތުގައި ބައިވެރިވެފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި 76 މާކްސްއިން މަތިން ލިބިފައިވާ ފަރާތްތަކަށް ފްލެޓު ކަނޑަނާޅަނީސް 75އަކުން މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ފްލެޓު ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެންވެ 75 މާކްސްއިން މަތި ހޯދި ފަރާތްތަކަށް ފްލެޓުތައް ހަވާލުކުރާނީ 76 މާކްސްއިން މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ދިނުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ބަޔާނާ ގުޅިގެން ހައުސިންގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް އެކްސްގައި ވިދާޅުވީ މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ކުރި އިއުލާނަކީ ރައްޔިތުންނަށް އޮޅޭގޮތަށް އިއުލާނެއް ނެރެފައިވާ އިއުލާނެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ  15 ނޮވެމްބަރު 2023 ގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމުގެ ބޭނުމަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުމަށް ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން އަނބިމީހާ އަދި ފިރިމީހާއަށް ފްލެޓް ލިބުމުގެ ޝަރުތު ހަމަވެފައިވާނަމަ އެ ފަރާތްތައް ގުރަށް ނުގެންގޮސް އެ 2 ފަރާތަށް 1 ފުލެޓް ނުވަތަ އެ 2 ފަރާތުންކުރެ ކަނޑައަޅާ ފަރާތަކަށް 1 ފުލެޓް ދިނުމަށްޓަކައި، ރިޒާވުގައި ފްލެޓް ބަހައްޓައި އަދި އެފަރާތްތަކަކީ ކޮބައިކަން އެނގޭނެހެން އެފަރާތްތައް ވަކިން ލިސްޓްކޮށްފައިވާނެ ކަމަށެވެ.

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އެކަށައަޅާފައިވާ 100 ފުލެޓާއި ދެންނެވި ފަދައިން ދެމަފިރިން ވަކިން ހުށަހަޅައިގެން ޝަރުތު ހަމަވެ، ފުލެޓް ލިބޭ މިންވަރަށް މާކްސް ލިބިފައިވާ ދެމަފިރިންނަށް 1 ފުލެޓް ހިމެނޭހެން އެ އެފަރާތްތަކަށް ފުލެޓް ހޯލްޑްކުރުމަށް ފަހުގައި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އަދި ކުރީ ސަރުކާރުން މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން މިނިސްޓްރީގެ ސިވިލްސާވިސް މުވައްޒަފުންނަށް މިދެންނެވި ހުރިހާ މައުލޫމާތަކާއި ކަންކަން އިނގޭނޭހެން ސިޔާސީ ފަރާތްތައް ބަދަލުވީކަމުގައިވީނަމަވެސް މިނިސްޓަރީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ގެއްލިގެން ނުދާނޭހެން ކަމުގައި ދަންނަވަމެވެ." އަކްރަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ސަރުކާރު ބަދަލުވެ މިނިސްޓްރީއާއި ހަވާލުވި ސިޔާސީ ބޭފުޅުން ވަޑައިގެން މިނިސްޓްރީގައި ކުރިން އެ މަސައްކަތުގައި އުޅުއްވި ފަރާތްތައް އެކަހެރިކޮށް ރަނގަޅަށް ކަންހިނގާފައިވާ ގޮތް ނުބަލައި އެ މަސައްކަތް ކުރަމުން ގެންދިޔުމުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ކަންކަން އޮޅުންބޮޅުން ކޮށްލައި ރައްޔިތުންނަށް އޮޅުންއަރާހެން ދޮގު މައުލޫމާތު ދެމުންގެންދާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމު ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ކަން ހިނގާފައިވާގޮތް ނުބަލައި ރައްޔިތުންގެ ހިތަތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ގަސްތުގައި ވިޔަސް އަދި ގަސްތުގައި ނޫންކަމުގައިވީނަމަވެސް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

Ads by Allied Insurance