ނ. ހޮޅުދޫ އިން ސާމްޕަލް ނެގި 12 މީހުންގެ ތެރެއިން 11 މީހުން ވައިރަހަށް ނައްސި
ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި ނ. ހޮޅުދޫ 12 މީހެއްގެ ސާމްޕަލް ގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 11 މީހުންގެ ވައިރަހަށް ނައްސިވެފައިވާ ކަމަށް ނ. ހޮޅުދޫ ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.
ނަރުދޫ އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ފައްސިވުމާ ގުޅިގެން އެ ބޯޓް ދަތުރުކުރި އުތުރުގެ ތިން އަތޮޅެއްގެ 13 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން އެ ކޭސްއާ ގުޅުންހުރި 101 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ބޯޓު މާލެއިން ފުރާފައިވަނީ މާލެ ލޮކްޑައުން ކުރި ދުވަހުއެވެ.
ކެޕްޓަން ފައްސިވިކަން އެނގުނީ މާލެއިން ދިޔަތާ ދެ ދުވަހެއްގެ ތެރޭގައި، ވަރަށް ގަދަޔަށް ހުން އައިސްގެން ނަރުދޫ ސިއްހީ މަރުކަޒަށް ދައްކައި އޭނާގެ އެދުމުގެ މަތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ.
ކެޕްޓަންގެ އިތުރުން ނަރުދޫއިން އިތުރު ހަތް މީހަކު މިއަދު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ފައްސިވި ހަތް މީހުންނަކީވެސް އެ ރަށު ރައްޔިތުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުންގެ ތެރޭގައި ބޯޓު ކެޕްޓަންގެ އާއިލާ މީހުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އަމާޒު ބޯޓުން ދަތުރު ކުރި ށ. މިލަންދޫ މީހެއް ވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.
ނަރުދޫ އަމާޒު ބޯޓުގެ ކޭސް އާ ގުޅިގެން ސެކަންޑަރީ ކޮންޓެކްޓް ކޭސްތަކުގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.