ކޮވިޑް-19 އާ ހަނގުރާމަ ކުރުމުގައި ކުރި ހޯދި ގިނަ ގައުމުތަކުގައި އަންހެން ލީޑަރުން
މުޅި ދުނިޔޭގެ އެކި ކަންކޮޅުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ފަސޭހައިން ފެތުރޭ އަދި ނުރައްކާތެރިކަން ބޮޑު މިވައިރަހާ ކުރަމުން ގެންދާ ހަގުރާމަ އެކި ގައުމުތަކުގައި އޮތީ އެކި ޙާލަތްތަކުގައެވެ. ބައެއް ގައުމުތަކުގައި ހަނގުރާމަ ނިމި ، ނަސްރު އިޢުލާން ކޮށްފައިވާއިރު ބައެއް ގައުމުތަކުން ފެންނަނީ އަދި ވެސް ފަހަތު ފަޔަށް ބުރަވެ ، ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަމުންދާ ތަނެވެ. އެގޮތުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވައިރަހުގެ ޝިކާރައަކަށްވެފައިވާ އެމެރިކާ ހިމެނެއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮމިޑީ ޑްރާމާއެއް އެގައުމުން ދައްކަމުންދާއިރު ހަރުދަނާ ކަމާއެކު މި ބަލިމަޑުކަން ކޮންޓްރޯލްކުރަމުންދާ ގައުމުތައް ބައިވަރެވެ. މިބަލާލަނީ އެފަދަ ގައުމުތަކުގެ ތެރެއިން ގައުމުގެ އިސްވާރަކަށް ކަނބަލުން ތިއްބެވި ގައުމުތަކަށެވެ.
1. ޖަސިންޑާ އާޑާން: ނިއުޒީލެންޑް ފާހަގަ ކުރެވެނީ، ހަރުކަށި ލޮކްޑައުން އަކަށް ފަހު ކާމިޔާބު ކަމާއި އެކު ކޮވިޑް-19 އާ ހަނގުރާމަކޮށް، މި ނުރައްކާތެރި ވައިރަސް އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށް ސްކޫލްތަކާއި އިގްތިސާދު ހުޅުވާލާ ފުރަތަމަ ގައުމަށެވެ. ނިއުޒީލެންޑް ގެ ލޮކްޑައުން އަށް ލުޔެއްދީ މި ހަފްތާގައި، މިލިއަނެއްހާ މީހުން ވަޒީފާތަކަށް ދާން ފަށާއިރު މިގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 1،472( އާބާދީގެ %0.030) މީހުނެވެ. އަދި މަރުވި ކަމަށް ރެކޯޑް ކުރެވުނީ 19 ( ބަލިޖެހުނު މީހުންގެ %1.29) މީހުނެވެ.
2. އެންޖެލާ މަރކެލް: ޖަރުމަނަށް މި ވައިރަސް ގެނައި ކަމަށް ރެކޯޑް ކުރެވިފައިވަނީ ސީދާ ޗައިނާއިންނެވެ. ޖަރުމަނުގައި ވަޒީފާ އަދާކުރާ ޗައިނާ މީހެއްގެ ފަރާތުން، އެކުގައި މަސައްކަތް ކުރާ މީހަކަށް ޖެހި ބަލި ފެތުރެން ފެށީއެވެ. ޖަރުމަން ފާހަގަ ކުރެވުނީ ގިނައިން ބަލިޖެހުނު ގައުމުތަކާ އަޅާބަލާއިރު މިބަލީގައި މީހުން މަރުވި ރޭޓް ދަށް ގައުމެއްގެ ގޮތުގައެވެ. އެގައުމުން މިބަލި ޖެހުނީ 159،038 (އާބާދީގެ %0.19) މީހުނަށެވެ. އަދި މިބަލީގައި މަރުވިކަމަށް ރެކޯޑްކުރެވިފައިވަނީ 6،161 (ބަލިޖެހުނު މީހުންގެ %3.87) މީހުނެވެ.
3. ސައި އިންގ-ވެން: ފެތުރެމުންދާ ބޮޑުބަލިމަޑުކަމެއް ކޮންޓްރޯލްކުރަން ބޭނުންވަނީ ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން، ޑިމޮކްރެސީގެ ރީތި ސިފަތައް ހިމެނޭ ވެރިކަމެއްކަން ދުނިޔެއަށް ދައްކައިދިނީ ތައިވާނުންނެވެ. 2004 ވަނަ އަހަރު ފެތުރުނު ސަރސް ރޯގާ ތައިވާނުގެ 346 މީހަކަށް ޖެހި 73 މީހަކު މަރުވުމާއި ހަމައަށް ތައިވާނުން އޮތީ މިފަދަ ބޮޑު ރޯގާއަކަށް ތައްޔާރުވެގެންނެވެ. ޗައިނާގެ ވުހާންގައި ބަލިފެތުރެން ފެށިހިސާބުން ތައިވާނުގެ އިމަރޖެންސީގައި މަސައްކަތްކުރާ މަރުކަޒު ހަރަކާތްތެރި ވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ގައުމުން މި ބަލި ޖެހިފައިވަނީ 429 (އާބާދީގެ %0.001) މީހުނަށެވެ. އަދި ބަލީގައި މަރުވީ 6 (ބަލިޖެހުނު މީހުންގެ %1.39 ) މީހުނެވެ.
4. މެޓޭ ފްރެޑްރިކްސަން: ޑެންމާރކް ފާހަގަ ކޮށްލެވެނީ ކޮރޯނާވައިރަސް ހަމައަކަށް އެޅުވުމަށްފަހު، ތުއްތު ކުދިން އެންމެ ފުރަތަމަ ސްކޫލްތަކަށް ފޮނުވަންފެށި ގައުމުގެ ގޮތުގައެވެ. ޑެންމާރކްގައި ސަލާމަތީ ފިޔަވަޅުތައްވެސް ފަށާފައިވަނީ އިނގިރޭސިވިލާތަށް ވުރެ ކުރިންނެވެ. އެގޮތުން މަރޗް 11 އިންފެށިގެން 10 މިހުނަށް ވުރެގިނައިން އެއްވެ އުޅުން މަނާކޮށް، ގެއިން މަސައްކަތް ކުރަން ފެށުމާއި އެކު ބޯޑަރުތައް ބަންދު ކުރިއެވެ. އެގައުމުން ކޮވިޑް1-9 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 8،851 (އާބާދީގެ %0.15) މީހުނެވެ. މީގެތެރެއިން މަރުވީ 434 (ބަލިޖެހުނު މީހުންގެ %4.90) މީހުނެވެ.
5. ސަނާ މަރީން: ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފިންލެންޑް ކޮރޯނާވައިރަސްއާއި ހަނގުރާމަ ކުރަމުން ދިޔައިރު އެންމެ ފާހަގަ ކޮށްލެވެނީ، އިސްސަފުގައި މަސައްކަތްކުރާމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު ފުދޭވަރަށް ވުރެ އިތުރަށް ސްޓޮކްކޮށްފައިވާ ގައުމެއްގެ ގޮތުގައެވެ. ހަމަ އެގޮތަށް އާންމުންނަށް ބޭނުންވާ މާސްކް ފަދަ ތަކެތީގެ ބޮޑު ސްޓޮކެއް ފިންލޭންޑް ގައި ގެންގުޅެއެވެ. އަދި މިބަލި ފެތުރެން ފެށުމާއި އެކު، ދިގު މުއްދަތަކަށް ބޭނުންވާ ވަރަށް ތެލާއި، ކާޑާއި، ދަނޑުވެރިކަމަށް ވޭނުންވާ ސާމާނުގެ އިތުރުން ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސާމާނު ވެސް ގަނެ ރައްކާކުރިއެވެ. މި ގައުމުން ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރީ 4،740 (އާބާދީގެ %0.085) މީހުނެވެ. އަދި މިބަލީގައި މަރުވީ 199 (ބަލިޖެހުނު މީހުންގެ %4.19) މީހުނެވެ.